ކ. މާލެ
|
10 ޖުލައި 2022 | އާދީއްތަ 18:31
ކ. ދިއްފުށި، އީދު ސައި
ކ. ދިއްފުށި، އީދު ސައި
ރާއްޖެއެމްވީ
އަޟްހާ އީދު 1443
ދެ އަހަރަށްފަހު ރައްޔިތުންގެ އެއްބައިވަންތަކަން ފެނުނު ފޯރިގަދަ އީދެއް!
 
މީގެ ކުރިން އެހާ ކުލަގަދަކޮށް އީދު ފާހަގަނުކުރާ ރަށްރަށުގައިވެސް މިއަހަރު އީދު ފާހަގަކުރޭ
 
ރަށްރަށުގައި އީދުގެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދޭ
 
ގިނަ ބަޔަކު ވަނީ އީދު ފާހަގަކުރުމަށް އެކި ރަށްރަށަށް ގޮސްފައި

އީދު ޗުއްޓީއަކީ ގިނަ ބަޔަކު އިންތިޒާރުކުރާ ދުވަސްތަކެކެވެ. މިއީ ރަށުން ބޭރަށް ގޮސް، އަތޮޅުތެރޭގެ އެކި ރަށްރަށުގައި އީދު ފާހަގަކުރުމަށް ލިބޭ ފުރުސަތެކެވެ. ރަށްޓެހިންނާއެކު މަޖާކޮށްލުމަށް ލިބޭ ފުރުސަތެއްވެސްމެއެވެ. ވަކިން ޚާއްސަކޮށް، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން އަތޮޅުތެރެއަށް ގޮސް އީދު ފާހަގަކުރެއެވެ.

އެހެންނަމަވެސް ފާއިތުވި ދެއަހަރު ތެރޭގައި މިއިން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ލިބިފައެއްނުވެއެވެ. ކޮވިޑް-19ގެ ހާލަތާއެކު އެބަޔަކު ތިބި ތަނެއްގައި ތިބެން ޖެހުމުގެ ސަބަބުން އީދުގައި އާންމުކޮށް ކޮށްއުޅުނު ކަންކަން ކުރުމުގެ ފުރުސަތު ލިބިފައެއްނުވެއެވެ. ނުތަނަވަސްކަމެއްގެ ތެރޭގައި 2 އަހަރުގެ އީދު ފަހަނައަޅައި ގޮސްފައިވާއިރު، އީދު ފާހަގަކުރުމަށް މިއަހަރު ލިބުނު ފުރުސަތަކީ ގިނަ ބަޔަކަށް އުފާވެރިކަން ލިބިގެންދިޔަ ކަމެކެވެ.

ގިނަ ބަޔަކު ވަނީ އީދު ފާހަގަކުރުމަށް ރަށުން ބޭރަށް ގޮސްފައެވެ. ހަމައެކަނި މާލެ ސަރަހައްދުގެ މަގުތައް މައްޗަށް ބެލިޔަސް މިކަން އެނގިގެންދެއެވެ. އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އީދު ހަރަކާތްތައް ވަރަށް ކުލަގަދަކޮށް، ބޮޑުކޮށް ބާއްވަމުންދާއިރު، މި ދުވަސްވަރު ބޮޑު ބަންދަކާ ދިމާވުމާއެކު ގިނަ ދުވަސްތަކަކަށް މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގިނަ ރަށްރަށުން ވަނީ ރާވާފައެވެ.

އީދު ފެށިގެން މިހާތަނަށް އައިއިރު އީދުގެ ފޯރި ހީކުރިވަރަށްވުރެ ބޮޑެވެ. އީދުގެ ފުރަތަމަ ދުވަހުވެސް އީދު ނަމާދު ނިންމުމަށްފަހު އެއްބަޔަކު އަނެއްބަޔަކަށް އީދު ސަލާމްކޮށް, ރަށްޓެހިންނާއި ގާތްތިމާގެ މީހުންނާއެކު ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވެއެވެ. ބައެއް ރަށްރަށުގައި ހެނދުނުގެ ނާސްތާ ނެގުމަށް ރަށުގެ ކުދި ބޮޑު އެންމެން އެއް ތަނަކަށް ޖަމާވެފައިވެއެވެ. ކޮންމެ މީހަކުވެސް ތަފާތު އެއްޗެއް ހިފައިގެން ދިޔައިރު، ހެނދުނު ނާސްތާގެ ކަންކަން ވަރަށް ފުރިހަމައަށް ކުރިއަށްގެންގޮސްފައިވެއެވެ.

ހެނދުނުގެ ނާސްތާގެ ކަންކަން ނިންމުމަށްފަހު ރަށްރަށުގައި އީދު ފެން ޖެހުމާއި، ކުލަޖެހުން ކުރިއަށްގެންގޮސްފައިވެއެވެ. ވަރަށް ފޯރި ގަދަކޮށް މިކަން ކުރިއަށްގެންދިއުމަށްފަހު އީދަށް ޚާއްސަ މެންދުރުގެ ނާސްތާ ތައްޔާރުކުރުމުގެ މަސައްކަތް ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންގޮސްފައިވެއެވެ. އަބަދުވެސް އީދު ދުވަހުގެ މެންދުރުގެ ނާސްތާއަށް ކުކުޅުން ކޮންމެވެސް ކެއުމެއް ތައްޔާރުކުރުމަކީ ދިވެހިންގެ އަބަދުވެސް އާދަައެކެވެ. މި އީދުގައިވެސް މިކަން ކޮށްފައިވާއިރު، މިއީވެސް ވަރަށް ގިނަ ބަޔަކު ބައިވެރިވެގެން ކޮށްފައިވާ މަސައްކަތެކެވެ.

ހަވީރު ވަގުތަކީ އަބަދުވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ވަގުތެކެވެ. ވަރަށް ގިނަ ރަށްރަށުގައި އީދާ ގުޅުވައިގެން ގިނަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، މިއީވެސް ވަރަށް ފޯރިއާއެކު ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ. ކުރިއަށްވެސް ގިނަ ހަރަކާތްތަކެއް ކުރަން ރާވާފައިވާއިރު، މި އީދަކީ ހަމަގައިމުވެސް ވަރަށް ފޯރިގަދަ އީދެކެވެ. މީގެ ކުރިން އެހާ ކުލަގަދަކޮށް އީދު ފާހަގަނުކުރާ ރަށްރަށުގައިވެސް މިއަހަރު އީދު ފާހަގަކުރަމުން ދާ ދިއުން ވަކިން ޚާއްސަކޮށް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް