ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 22:23
ލަންކާގެބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި ރޯކޮށްލާފައި
ލަންކާގެބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި ރޯކޮށްލާފައި
ޓްވިޓަރ
ލަންކާ ބޮޑުވަޒީރުގެ ގެކޮޅުގައި ރޯކޮށްލައިފި
ލަންކާ ބޮޑުވަޒީރުގެ ގެކޮޅުގައި ރޯކޮށްލައިފި
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެގެ ގެކޮޅުގައި ރޯކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ

ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ބޮޑުވަޒީރުގެ ގެކޮޅުގައި އަލިފާން ރޯކޮށްލައިފިއެވެ.

އެ ޤައުމުގެ ބޮޑުވަޒީރުގެ އޮފީހުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހޮނިހިރު ދުވަހު ހިނގި ހަމަނުޖހުންތަކުގައި ރޯކޮށްލާފައިވަނީ ރަނިލް ވިކްރަމަސިންހެގެ އަމިއްލަ ގެކޮޅުގައި ކަމަށެވެ. މުޒާހަރާ ކުރަމުންދިޔަ ގިނަ ބަޔަކު ވިކްރަމަސިންހެގެ ގެކޮޅަށް ވަދެފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ލަންކާގެ ހާލަތު ގޯސްވެ، އެ ޤައުމުގައި މުޒާހަރާތައް ވަނީ އިތުރުވެފައެވެ. މި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމުން އެ ޤައުމުގެ ސިފައިން ވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭހާއިބާރުގެ ބޭނުންވެސް ކޮށްފައެވެ. ސިފައިންގެ ހަމަލާތަކުގެ ޝިކާރައަކަށް އެ މުޒާހަރާތައް ކަވަރު ކުރަމުންދިޔަ ނޫސްވެރިންތަކެއް ވެސް ވަނީ ވެފައެވެ.

ހޮނިހިރު ދުވަހުގެ ހަމަނުޖެހުންތަކާއެކު ރަނިލް ވިކްރަމަސިންހެ ވަނީ މަގާމުން އިސްތިއުފާ ދެއްވައި ހުރިހާ ޕާޓިތަކެއް ގުޅިގެން ޤައުމު ހިންގަން ފުރުސަތު ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ބޮޑުވަޒީރުގެ ގެކޮޅުގެ އިތުރުން ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސްގެ އިސްތިއުފާއަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށް ވެސް މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ސެކިއުރިޓީ ފޫއަޅުވާލާ ވަދެފައެވެ. އަދި މުޅިގެކޮޅުގެ ހުރިހާތަނަކަށް ވަދެ ސްވިމިންގ ޕޫލް އަށް ވެސް އެރި ހަދާފައި ވެއެެވެ.

ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު ގޮތަބަޔާގެ އިސްތިއުފާއަށް ގޮވާލައި އަޑުއުފުލަމުންދާ އާންމު ރައްޔިތުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އާންމުންގެ ނުރުހުން ވަރަށް ބޮޑަށް ރައީސަށް އަމާޒުވެފައިވާއިރު، ސިޔާސީ އިދިކޮޅު ލީޑަރުންވެސް ދަނީ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ މަގާމުން ވަކިކުރުމަށް މަސައްކަތްކުރަމުންނެވެ.

ފަހުގެ ޚަބަރުތައް ބުނާގޮތުން ރައީސް ގޮތަބަޔާ ވަޑައިގެން ވީތަނެއް ނޭނގެއެވެ. ނަމަވެސް އެމަނިކުފާނުގެ ލަގެޖް ކަމަށްބުނާ ސޫޓްކޭސްތަކެއް ބަޔަކު ކަނޑު ބޯޓަކަށް އަރުވަމުންދާ މަންޒަރުފެންނަ ވީޓިއޯ އެއްވަނީ އާންމުވެފައެވެ،

- ކޮމެންޓް