ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 18:01
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
އޭޕީ
ލަންކާގެ އިގުތިސާދީ ކާރިސާ
މަގާމުން އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވިކަމަށް ލަންކާގެ ބޮޑުވަޒީރު ވިކްރަމަސިންހަ ވިދާޅުވެއްޖެ
އެމަނިކުފާނު ވަނީ ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައި
ހުރިހާ ޕާޓީއެއް އެކުލެވޭ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ސިޔާސީ ލީޑަރުން ވަނީ ހުށަހަޅާފައި
އައު ރައީސަކު އައްޔަނުކުރެވެންދެން 30 ދުވަހުގެ މުއްދަތަށް އެމަގާމަށް މަޖިލީހުގެ ރައީސް ހަވާލުވެވަޑައިގަތުމަށް ސިޔާސީ ލީޑަރުން ވަނީ ހުށަހަޅާފައި

މަގާމުން އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވިކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވިކަމަށް ޕާޓީ ލީޑަރުންގެ އަރިހު ދަންނަވާފައެވެ.

އެގޮތުން ބޮޑުވަޒީރުގެ އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން އެމަނިކުފާނު ވަނީ ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

މިގޮތަށް މިނިންމުން ނިންމާފައި ވަނީ ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށް ވިދާޅުވެފައެވެ. މިހަފުތާގެ ތެރޭގައި އަނެއްކާވެސް މުޅި ގައުމަށް ތެޔޮ ފޯރުކޮށްދޭން ފަށާނެ ކަމަށާއި އަދި ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑައިރެކްޓަރުވެސް މިހަފުތާ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައިއެމްއެފް އާއެކު ކުރެވޭ މަޝްވަރާތަކުގެ ނިމުމްވެސް ވަރަށް ގާތްވެފައިވާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

އެހެން ކަމުން މިހުރިހާ ކަމަކަށް ބަލައި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދު ކުރައްވާކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލައި، ލަންކާ ރައްޔިތުން ރައީސްގެ ގެކޮޅަށް ވަދެގަތުމާއެކު، ލަންކާގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިއާއެކު ރައީސް އިސްތިއުފާދެއްވުމަށް އިދިކޮޅު ލީޑަރުން ހުށަހަޅުއްވާފައިވާއިރު، ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ހުރިހާ ލީޑަރުން ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ހުށަހަޅާފައެވެ.

ލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ އިސްވެހުންނަވާ ހުރިހާ ޕާޓީ ލީޑަރުން މަޝްވަރާގެ ބައްދަލުވުމެއް ކުރިއަށްގެންދަވާފައިވާއިރު، މި ބައްދަލުވުމުގައި ގިނަ ލީޑަރުން ވަނީ ހަތަރު ކަމަކަށް އެއްބަސްވެ ވަޑައިގަންނަވާފައެވެ.

އެގޮތުން ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް މާގުމުން އިސްތިއުފާ ދެއްވުމަށާއި، އައު ރައީސަކު އައްޔަނުކުރެވެންދެން 30 ދުވަހުގެ މުއްދަތަށް އެމަގާމަށް މަޖިލީހުގެ ރައީސް ހަވާލުވެވަޑައިގަތުމުގެ އިތުރުން ދައުރުގެ ބާކީ އޮތްބައި ހަމަވަންދެން ރައީސް ކަމުގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު މަޖިލީހުގެ މެމްބަރުންގެ ތެރެއިން ހަމަޖެއްސެވުމަށް ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން ހުރިހާ ޕާޓީއެއް އެކުލެވޭ ވަގުތީ ސަރުކާރެއް އެކުލަވާލުމަށްވެސް ވަނީ ހުށަހަޅަފާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް