މެދުއިރުމަތީގެ ގައުމުތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިރުއުޅުމުގެ އަގުތަކަށް އައިސްފައިވާ ބަދަލާއި، އެކަމާއި ގުޅިގައިވާ އިގްތިސާދީ ކާރިސާއެވެ. ނަމަވެސް މުސްލިމުންގެ އެންމެ ބޮޑު އީދު ކަމުގައިވާ އަޟްހާ އީދު މެދުއިރުމަތީގެ ގައުމުތަކުގައި ފާހަގަކުރަމުންދަނީ އުފާވެރިކަމާއެކުގައެވެ.
އަޟްހާ އީދަކީ މުސްލިމުންނަށް އަންނަ އީދު ތަކުގެ ތެރެއިން އެންމެ ބޮޑު އީދެވެ. ހައްޖާއި ގުޅުވައިގެން ފާހަގަ ކުރާ މި ދުވަހާއެކު، އުޟްހިޔާ ކަތިލުމާއި އެކު ފަގީރުންނަށް ސަދަގާތްކުރުމުގެ ކަންކަން އާންމުގޮތެއްގައި ކުރިއަށްދެއެވެ.
ނަމަވެސް މިއަހަރު އަރަބި ގައުމުތަކުގައި ތަކެތީ އަގުތައް މައްޗަށް އުފުލިފައިވުމާއެކު ގިނަ ބަޔަކަށް މި ސަގާފަތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބެއެވެ. ސަބަބަކަށް ވެފައިވަނީ ޔޫކްރެއިން ހަނގުރާމައެވެ. އަދި މިއާއެކު ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ވަނީ އިތުރަށް އުފުލިފައެވެ.
އަގުބޮޑުވުމާއެކު އީދު ދުވަހު އުޟްހިޔާ ކަތިލުމަށް ގިނަ ބަޔަކު މީގެ ކުރިން ކަންބަޅި ބަކަރި ގަތް ނަމަވެސް، މިފަހަރު އީދުގައި އަގުތައް އުފުލުމުގެ ނަތީޖާއަކަށްވީ ގިނަ ބަޔަކު އުޟްހިޔާ ކަތިލަން ފަސްޖެހުމެވެ.
އަރަބި ގައުމުތަކުގެ ތެރެއިން ލުބުނާނުގައި އޮތް އިގްތިސާދީ އަދި ސިޔާސީ ކަންތަކާއި ގުޅިގެން އީދުގެ އުފާ ފައުޅުކުރުމަށް ވަނީ ހުރަސްއެޅިފައެވެ. 3 އަހަރު ވަންދެން ދިގުދެމިގެން ގޮސްފައިވާ އިގްތިސާދީ ކާރިސާއާއި އެކު އެގައުމުގައި ފަގީރުކަންވަނީ އިންތިހާއަށް ފެތުރިފައެވެ.
މުސްލިމުންގެ ތެރޭގައި ބައެއް ހިސާބުތަކުގައި އޮންނަ ސަގާފަތެއް ކަމަށްވާ، ސަހަރާއަށް ގޮސް ލޯބިވާ މީހުންގެ މަހާނަ ކައިރިއަށް ޒިޔާރަތްކޮށްހަދައެވެ. އެތަނުގައި ހުރި ވިޔަފާރިވެރިއެއް ކަމަށްވާ ބިލާލް ހަޝިޝޯ ވަނީ މާލީ ދަތިކަމުގެ ޝަކުވާތައް ކޮށްފައެވެ.
މިތާގައި އީދުގެ މާހައުލެއް ކޮބާ؟ ގިނަ ބަޔަކު އެމީހުންގެ އާއިލާތަކަށް އެއްވެސް އެއްޗެއް ނުދޭ. އެބަ ފެނޭތަ މިއިން އެއްވެސް ގެއެއްގައި ފޮނި އެއްޗެއް ހުރިތަން؟ މިތާގަ މިހުރި 500 އެއްހާ ގެއިން އެއް ގެއަކުން ފެނިދާނެބިލާލް ހަޝިޝޯ
މިސްރުގައި، ހެނދުނު ހެނދުނާ ވެރިރަށް ގާހިރާގެ އަމްރް އިބްނު އަލް-އާ މިސްކިތައް އެތައްހާސް ބަޔަކު ވަނީ އީދުނަމާދަށް ޖަމާވެފައެވެ. އަދި ބޮޑެތި މީހުންނާއެކު ކުޑަކުދިންތައް ފުއްޕާހަމާއި މެޓާ ހިފައިގެން ދިޔަތަން ފެނިގެން ދިޔައެވެ.
ގާހިރާއިން ވާހަކަ ދެއްކި މަހުމޫދު އަބްދުލް ގާދިރު ބުނީ ކޮވިޑްގެ ކޭސްތައް އިތުރުވި ނަމަވެސް އަދި އިގްތިސާދީ ހާލަތާއި ގުޅިގެން ދިރިއުޅުމުގައި ތަހައްމަލް ކުރަން ޖެހިފައިވާ ކަންތައްތަކާއި އެކުވެސް މިއަހަރުގެ އީދުގެ ކަންކަން ދަނީ ރަނގަޅަށް ކަމަށެވެ.
އިރާގުގެ ވެރިރަށް ބަޣްދާދުގައި ގާނޫނީ ވަކީލުކަން ކިޔަވަމުން އަންނަ ދަރިވަރެއްކަމަށްވާ މުހައްމަދު އިބްރާހިމްގެ އުއްމީދަކީ މިއަހަރުގެ އީދާއެކު އެގައުމުގައި އައު ސަރުކާރެއް އައުމެވެ.
"މިހާރު ވަރަށް ދުވަސްވެއްޖެ. ގާތްގަނޑަކަށް 9 މަސް ވެގެން މިދިޔައީ އެކި ސަބަބުތަކާހުރެ ސަރުކާރު އެކުލަވާނުލެވިގެން އުޅޭތާ. އަޅުގަނޑުމެންގެ ދުއާއަކީ ޒުވާނުންގެ އެދުންތަކަށް އިޖާބުދޭ ރަނގަޅު ސަރުކާރެއް އިރާދަފުޅުން އަޅުގަނޑުމެންނަށް ލިބިގެން ދިއުން" މުހައްމަދު އިބްރާހިމް އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ.