ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 13:50
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ ޚަރަދުތައް
2 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކައިފި
ދައުލަތުގެ ޚަރަދު ވަނީ 19.9 ބިލިއަން ރުފިޔާއަށް އަރާފައި

ދައުލަތުން ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުމަށް މިހާތަނަށް 2 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން މަހުގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުމަށް 2.02 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު އަނބުރާ ދެއްކުމަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޚަރަދު ވަނީ 19.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރިކަރަންޓް އަދި ކެޕިޓަލްގެ ޚަރަދުގެ ގޮތުގައި ޖުމްލަ 17.8 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުން ހާމަވާގޮތުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ޖުމްލަ 13.5 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ. މީގެ ތެރޭގައި މުސާރައާއި އިނާޔަތްތަކަށް 5.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި 8 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

މީގެއިތުރުން ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، ކެޕިޓަލް އިކުއިޕްމެންޓަށް 180.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އިންފްރާސްޓްރަކްޗަރ އެސެޓަށް 2.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މި މަސައްކަތްތަކަށެވެ. މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ޚަރަދުކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށެވެ. މި މަޝްރޫއުތަކަށް 521.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިގޮތުން ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް 298.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހަމައެކަނި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް 27.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ހަމައެކަނި ފެނުގެ ނިޒާމު ގާއިމްކުރުމަށް 95.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 298.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބިން ހިއްކުމުގެ މަޝްރޫއުތަކަށް 160.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މަގު ހެދުމުގެ މަޝްރޫއުތަކަށް 258.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބަނދަރު ހެދުމުގެ މަސައްކަތްތަކަށް 457.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް 358.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 383.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް