ކ. މާލެ
|
9 ޖުލައި 2022 | ހޮނިހިރު 09:01
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ދައުލަތުގެ އާމްދަނީ
ދައުލަތުގެ އާމްދަނީ 13 ބިލިއަނުން މައްޗަށް
މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް
ޓެކްސްއިން 9.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު
ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 3.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު

އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާވަރު، 13 ބިލިއަނުން މައްޗަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ވަނީ 13.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 10 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ފިނޭންސްމިނިސްޓްރީ ގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްއިންނެވެ. ޓެކްސްއިން ލިބުނު އާމްދަނީ 9.5 ބިލިއަން ރުފިޔާއަށް އަރައެވެ. ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ 3.4 ބިލިއަން ރުފިޔާއަށް އަރާއިރު، ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 10 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. ގްރާންޓްސްގެ ގޮތުގައި 197 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުން ހާމަކުރެއެވެ.

ޓެކްސްއިން ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ 9.5 ބިލިއަން ރުފިޔާއަށް އަރާއިރު، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާއި، ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު 3.9 ބިލިއަން ރުފިޔާ ހިމެނެއެވެ. ވިޔަފާރިއާއި ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، 1.3 ބިލިއަން ރުފިޔާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވެއެވެ. އަދި އެއަރޕޯޓް ސަރވިސް ޝާޖުގެ ގޮތުގައި 4.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 3.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބިންތަކުންނެވެ. މިގޮތުން ރިސޯޓު ކުލީގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 158 މިލިއަން ރުފިޔާ އަދި ބިމު ކުލީގެ ގޮތުގައި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ 74.4 މިލިއަން ރުފިޔާއަށް އަރައެވެ.

ފިނޭންސްގެ ތަފާސްހިސާބު ދައްކާގޮތުން ޖޫން މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 541 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 408 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

- ކޮމެންޓް