ބިލިއަނަރު އީލޯން މަސްކް ޓްވިޓާ ނުގަންނަން ނިންމައިފިއެވެ.
ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ ޓްވިޓަރ ނުގަންނަން ނިންމީ ޓްވިޓަރ ގަތުމަށް އޭނާ އާއި އެ ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަަސްވުމާއި ޓްވިޓަރ އިން ޚިލާފުވެފައިވާތީ ކަމަށެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އޭނާއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޮރުކޮށްދިނުމުގައި ޓްވިޓަރ ނުކުޅެދިފައިވާ ކަމަށް އޭނާ ބުނެއެވެ.
އީލޯން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަންނަން ހުށަހެޅީ މި އަހަރުގެ އޭޕްރިލް މަހުގައެވެ. އޭނާގެ ހުށަހެޅުން ބަލައިގަނެ ޓްވިޓަރ އިން ވަނީ އެއްބަސްވުމެއްގައި ސޮއި ވެސްް ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މަސްކު ބޭނުންވީ ޓްވީޓަރ ބޭނުން ކުރާ ސްޕޭމް އަދި ފޭކް އެކައުންޓުތަކުގެ އަދަދު އޮޅުން ފިލުވުމަށެވެ. މިއީ ޓްވިޓަރ އިން އެ އަދަދު 5 އިންސައްތަ އަށްވުރެ ދަށްވާނެ ކަމަށް ބުނެފައިވާތީ އޭނާ ބޭނުންވި މައުލޫމާތެކެވެ.
އެއްބަސްވުމަށްފަހު މެއި މަހު އޭނާ ވަނީ ޑީލް ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވެސް ބުފައެވެ. އެއީ އޭނާ ބޭނުންވި ޑޭޓާ ނުލިބޭތީ ކަމަށް ވެސް އޭނާ އޭރު ބުނެފައިއެވެ. މަސްކު ގަބާުލު ކުރާ ގޮތުގައި ޓްވިޓާ ބޭނުންކުރާ އެކައުންޓުތަކުގެ 20 އިންސައްތަ އަށްވުރެ ގިނަ އެކައުންޓުތަކަކީ ފޭކު ނުވަތަ ސްޕޭމް އެކައުންޓުތަކެވެ. މި އެކައުންޓުތަކުން ސައްޙަ ނޫން މައުލޫމާތު ފޯރުކޮށްދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ޓްވިޓަރ އާއިއެކު މަސްކް ވެފައިވާ އެއްބަސްވުން ބާތިލު ކުރެވޭނީ 1 ބިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށްފަހުއެވެ.
މަސްކު އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޓްވިޓަރ އިން ވަނީ ބުނެފައެވެ. ޓްވިޓަރ އިން އޭނާއާއި މެދު ގާނޫނީ ފިޔަވަޅު އަޅައިފިނަމަ އެ ކުންފުނިން އެއްބަސްވުމާއި ޚިލާފުވެ މައުލޫމާތު ފޯރުކޮށް ނުދޭކަން މަސްކު ސާބިތުކޮށްދޭން ޖެހޭނެއެވެ.
މިކަން ސާބިތު ކޮށް ނުދެވިއްޖެނަމަ މަސްކް އަށް މަޖުބޫރީ ހާލަތުގައި އެއްބަސްވުމާއި އެއްގޮތަށް ޓްވިޓަރ ގަންނަން ޖެހިދާނެ ކަމަށް މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.