ޤައުމީ ވޮލީބޯޅަ މުބާރަތުގައި ޕޮލިސް ކުލަބް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބުން ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ތިން ވަނަ ސެމީގައި ޕޮލިސްގެ މައްޗަށް ސިފައިންގެ ޓީމު ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ގޮސްފައިވަނީ 25-20، 28-30، 25-18 އަދި 25-17 ންނެވެ. މެޗުގައި ޕޮލިސް ޓީމަށް އެދެވޭ ކުޅުމެއް ދެއްކުނީ ފުރަތަމަ ދެ ސެޓުގައެވެ. އެ ޓީމުގެ ސެޓަރު މުތުސާމީ ހިއްލާ ބޯޅަ ތަކުގައި އަނޫ ޖޭމްސް އާއި އަކިން ވަނީ ރަނގަޅު އެޓޭކުތަކެއް ކޮށްފައެވެ. ނަމަވެސް ފަހު ސެޓުގައި ޕޮލިސް ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ސިފައިންގެ ޓީމުގެ ޝޯން ޓީ ޖޯން އާއި މަނޫ ޖޯސެފްގެ އެޓޭކުތަކުން ސިފައިން ވަނީ ދެ ސެޓު ވެސް ރަނގަޅު ލީޑަކާއެކު ނިންމާލާފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި ސިފައިން ނިކުންނާނީ ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށެވެ. މި ދެ ޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ ޤައުމީ މުބާރާތުގެ ދެ ވަނަ ސެމީގައެވެ. އެ މެޗުގައި ސިޓީން ވަނީ ސީދާ ތިން ސެޓުން ސިފައިންގެ މައްޗަަށް ކުރި ހޯދާފައެވެ. އޭގެ ކުރިން އެސޯސިއޭޝަން ކަޕާއި، ޤައުމީ ލީގުގައި ވެސް ވަނީ ވާދަކޮށްފައެވެ. އެ މެޗުތައް ވެސް ކާމިޔާބުކުރީ ސިޓީންނެވެ.
ސިޓީން ވަނީ މި ސީޒަނުގެ އެސޯސިއޭޝަން ކަޕާއި، ޤައުމީ ލީގު ކާމިޔާބުކޮށްފައެވެ. ޤައުމީ މުބާރާތުގެ ފައިނަލަށް ސިޓީން ނިކުންނާނީ ސިފައިން ހަދާފައިވާ ރެކޯޑަކާ ހަމަކުރާށެވެ. އެއީ ވޮލީ ސީޒަންގެ ތިން މުބާރާތް ކާމިޔާބު ކުރުމެވެ.