އަވައްޓެރި ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާގެ ސަބަބުން ރާއްޖޭގައި ތެލުގެ ޑިމާންޑު އިތުރުވެ، މި ދުވަސްވަރު ފޯކާސްޓްކުރިވަރަށްވުރެ އިތުރަށް ތެޔޮ ހޭދަކުރަން ޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ، ރާއްޖޭގައި ފްލައިޓްތަކަށް އަޅާ ތެޔޮ މަދުވެ، އެއަރލައިންތަކަށް ވިއްކާ ތެޔޮ ކޮންޓްރޯލްކޮށްފައިވާކަމަށްބުނެ ބައެއް ނޫސްތަކުން ރިޕޯޓްކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި، ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ނަމަވެސް ތެލުގެ ޝޯރޓޭޖެއް ނެތްކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ތޯހާ ވިދާޅުވީ، އެމްއޭސީއެލްގެ ތެޔޮ ރައްކާކުރާ ކެޕޭސިޓީއަކީ 13 މިލިއަން ލީޓަރު ކަމަށާއި، ކޮންމެ ދުވަސްވަރަކާ ދިމާކޮށް އެ އަދަދު ހޭދަވާނެ ގޮތް ފޯކާސްޓްކޮށް، މެނޭޖް ކުރަމުންދާކަމަށެވެ. ނަމަވެސް މި ދުވަސްވަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ތެޔޮ ނަގާ މިންވަރު އިތުރުވެފައިވާ ކަމަށާއި، އެގޮތުން ލަންކާއާ ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި، ދެކޮޅަށް ވާވަރަށްވެސް އެ އެއަރޕޯޓުން ތެޔޮ އަޅާކަމަށް އޭނާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ ލަންކާގެ ހާލަތާއެކު، އެއަރޕޯޓުން ތެޔޮ ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިނަަމަވެސް ރަނގަޅަށް މެނޭޖްކުރެވޭނެ ކަމަށެވެ. އެގޮތުން، ފްލައިޓްތަކަށް މިހާރު ތެޔޮ އަޅައިދެނީ އެ ފްލައިޓެއް ދަތުރުކުރާ މަންޒިލަށް ބަލައި އެ މަންޒިލަކަށް ދާން ތެޔޮ ބޭނުންވާ އެންމެ މަދު މިންވަރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިގޮތަށް ތެޔޮ ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފުނުވާކަމުގެ ޔަގީންކަން އެމްއޭސީއެލުން ދެއެވެ.
އަޅުގަނޑުމެންގެ ފޯކާސްޓަށްވުރެވެސް އިތުރަށް ސަމަރ ސީޒަންގަ އެބަޖެހޭ ތެޔޮ ވިއްކަން. މިއީ އަޅުގަނޑުމެންނަށް ދިމާވެފަ އޮތް ވަރަށް ބޮޑު ޗެލެންޖެއް. ނަމަވެސް ލަންކާއަކީ އަޅުގަނޑުމެންގެ ނެއިބަރއެއްކަމުން، ވީވަރަކުން އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ. މިވަގުތު، ދެން އަންނަ ޝިޕްމަންޓް އަންނަންދެން މެނޭޖްކުރެވޭނެ. މިހާރު ޖައްސާ ފުރާ ހުރިހާ ފްލައިޓަކަށް ބޭނުންވާވަރަށް ތެޔޮ ލިބޭނެ.އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ތޯހާ
އެމްއޭސީއެލްއާ އެސްޓީއޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެއަރލައިންތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ. އެ ކުންފުނިން މިދުވަސްވަރު ތެޔޮ ގެނައުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް، ތެޔޮ އަޅާ "ލޯޑު ޕޯރޓަށް" 1 މަސްދުވަސް ކުރިން އަންގަންޖެހޭ ކަމަށާއި، މިހާރު ދިމާވެފައިވާ މައްސަލައަކީ، 1 މަސްދުވަސް ކުރިން ހަދާފައި އޮތް ޝެޑިއުލަކަށް ފޯރކާސްޓް ނުކުރެވި، އިތުރަށް ކޭޓަރކުރަން ޖެހުން ކަމަށެވެ. އަދި މި ދުވަސްވަރު ރަޝިއާ ހަނގުރާމައާ ގުޅިގެން ބޯޓުތައް ޑައިވަރޓްކޮށް، ޕޯރޓުތައް ކޮންޖެސްޓުވުމުން ޝިޕްމަންޓުތައް ލަސްވާކަންވެސް އަމްރު ފާހަގަކުރެއްވިއެވެ.
އަމްރު ވިދާޅުވީ ދިމާވާ ދަތިތަކާއެކުވެސް އެއަރލައިންތަކަށް ދަތިނުވާނެހެން ބަފަރ ސްޓޮކެއް ބަހައްޓާފައި ހުންނަކަމަށެވެ. ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި ޑިމާންޑު އިތުރުވުމާއެކުވެސް މެނޭޖްކުރެވޭނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
މިހާރު ދިމާވެފައި އޮތް މައްސަލައަކީ އެއްމަސް ކުރިން ހައްދާފަ އޮތް ޝެޑިއުލަކަށް އިތުރަށް ކޭޓަރކުރަން އެބަޖެހޭ، ލަންކާއަށް ދިމާވެފަ އޮތް ހާލަތާ ގުޅިގެން. މި ޝެޑިއުލް ހަދައިގެން ކުރިއަށްދާއިރު، ރަޝިއާގެ ހަނގުރާމައާ ގުޅިގެން ވަރަށް ގިނަ ބޯޓުތައް ޑައިވަރޓް އެބަކުރޭ މިޑްލް އީސްޓަށް. މީގެ ސަބަބުން ޕޯޓު ކޮންޖެސްޓުވެ، ތެޔޮ އަޅަން އެބަ ނަގާ ވަރަށް ގިނަ ވަގުތު. މީގެ ސަބަބުން އެބަ ދޭ ދެތިން ހަތަރު ދުވަހެއް ބޯޓު ކައިރި ނުކުރެވި. އަދި އެއާއެކު ދިމާވާ އަނެއް މައްސަލައަކީ، މޫސުން ގޯސްވެއްޖެއްޔާ ޑައިވަރޓްކުރަން އެބަޖެހޭ. އެހުރިހާ އެއްޗަކަށް ލާފަ ބަފަރ ސްޓޮކެއް ހުރޭ. އެހެންވީމަ އަދި ހަތަރު ފަސް ވަރަކަށް ދުވަސް ލަސްވިޔަސް ދައްޗެއްނުވާނެ.އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
އެމްއޭސީއެލުން މައުލޫމާތު ދޭ ގޮތުގައި ތެލުގެ އާ ޝިޕްމަންޓް ލިބޭނީ ޖުލައި މަހުގެ 14ހާ ހިސާބުގައެވެ. އެއާއެކު މައްސަލަ ހައްލު ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.