ކ. މާލެ
|
5 ޖުލައި 2022 | އަންގާރަ 15:28
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖެއެމްވީ
އަގުތަކަށް ބަދަލުއައުން
ކުރިއަށް އޮތް ތަނުގައި އަގުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ – އަމީރު
ދުނިޔާގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ކަރަންޓުގެ އަގަށް ޕާސް-ތްރޫ ނުކުރުމަކީ ރާއްޖޭގެ ކޮންޒިއުމަރުންގެ ވަރަށް ބޮޑު ޕްރައިޒް ރިސްކެއް ސަރުކާރުން ނެގުން
އިގުތިސާދު ފަހުގެ ތާރިހުގައި ހީނަރުވެގެން ނުދާ މިންވަރަށް ވަނީ ހީނަރުވެފައި

މި އަހަރުގެ ކުރިއަށް އޮތްތަނުގައި ވެސް ތަކެތީގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ އަދި ފިސްކަލް ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަހު އަގުތައް މަތިވާ މިންވަރު ވަނީ އިތުރުވެފައި ކަމަށެވެ. އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ ކާބޯތަކެތީގެ ބައިން ކަމަށާއި، ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ގިނަ ބާވަތްތަކަކީ ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ މުދަލަށް ވާތީ، ބައިނަލްއަގުވާމީ އަގުތަކަށް އަންނަ ބަދަލު ރާއްޖޭގެ އަގުތަކުން ފެނިގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކާބޯތަކެތީގެ އަގުތައް މަތިވި ނަމަވެސް، 2022 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ އިންފްލޭޝަން އިތުރުނުވަނީ މުވާސަލާތީ ހިދުމަތުގެ އަގުތަކަށް 2021 ވަނަ އަހަރުގެ ފަހުކޮޅު ހެޔޮކުރުމުގެ ސަބަބުން ކަމަށެވެ.

2022 ވަނަ އަހަރުގެ ކުރިއަށް އޮތްތާނގައި އަގުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ އިރު، މީގެ ސަބަބުތަކުގެ ތެރޭގައި، ރަޝިޔާ/ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު މަތިވުމާއި، 2021 ވަނަ އަހަރުގައި މުވާސަލާތީ ހިދުމަތްތަކުގެ އަގު ދަށްކުރުމުގެ ބޭސްއިފެކްޓްގެ އަސަރު ނެތިގެން ދިޔުން ހިމެނޭ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔާގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ކަރަންޓުގެ އަގަށް ޕާސް-ތްރޫ ނުކުރުމަކީ ރާއްޖޭގެ ކޮންޒިއުމަރުންގެ ވަރަށް ބޮޑު ޕްރައިޒް ރިސްކެއް ސަރުކާރުން ނެގުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ފަހުގެ ތާރިހުގައި ހީނަރުވެގެން ނުދާ މިންވަރަށް ވަނީ ހީނަރުވެފައިވާ ކަމަށާއި، 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި މަދުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2021 ވަނަ އަހަރު އިގުތިސާދު ރިކަވަރ ވަމުން އައީ ވަރަށް ބާރު މިނެއްގައި ކަމަށާއި، ސަރުކާރުން އިގުތިސާދު ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކާއި ގޭބިސީތަކަށް ގިނަ އެހީތައް ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ރޯލްއައުޓްގެ ކާމިޔާބުގެ ސަބަބުން ރާއްޖޭއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަމުގައި ހެދުނު ކަމަށާއި، ސަރުކާރުން އިގުތިސާދު ކުރިއަރުވަން މަސައްކަތްނުކުރި ނަމަ ނުވަތަ އިތުރަށް ޚަރަދު ކުޑަކުރަން މަސައްކަތްކުރި ނަމަ އިގުތިސާދުގެ ރިކަވަރީ ލަސްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2022 ވަނަ އަހަރު ކޮވިޑް-19ގެ ކުރިން އިގްތިސާދުހުރި މިންވަރަށް ދިޔަ ނަމަވެސް ހިރާސްތައް ގިނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަޝިޔާ/ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުމާއިއެކު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަށްވުމާއި، އަގުތައް މަތިވުމުގެ ސަބަބުން ދުނިޔޭގެ ގިނަގައުމުތަކުގެ އިގުތިސާދަށް އަނަންނީ އަސަރުކުރުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ އަސަރު ދިވެހިރާއްޖެއަށް ވެސް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް