ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޑަގްލަސް ކޯސްޓާ ހޯދުމަށް ޔުވަންޓަސް އިން 35 މިލިއަން ޔޫރޯ ހަރަދުކުރަންވެސް ތައްޔާރުކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގޯލްޑޮޓްކޮމް އިން ބުނީ ބަޔާން މިއުނިކުން ޑަގްލަސް ކޯސްޓާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އެ ކްލަބުން އޭނާ ހޯދަން 35 މިލިއަން ޔޫރޯ ހަރަދުކުރަން ތައްޔާރަށް އޮތް ކަމަށެވެ.
މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން މިދިޔަ ހަފްތާގައި ޑަގްލަސް ކޯސްޓާ ވަނީ ޔުވަންޓަސްއާއެކު ޓްރާންސްފާއާ ގުޅޭގޮތުން މަޝްވަރާތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން އޭނާ ކުރިޔަށް އޮތް ސީޒަނުގައި ފެންނާނީވެސް ޔުވަންޓަސްއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބަޔާން ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާ ޑަގްލަސް ކޯސްޓާ މި ސީޒަނުގައި ކުޅުނު 23 މެޗުގެ ތެރެއިން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ 14 މެޗުގައެވެ.
ޝަހްތަރު ޑޮނެސް އިން 2015 ވަނަ އަހަރު ބަޔާން އަށް ބަދަލުވި ޑަގްލަސް ކޯސްޓާ ވަނީ އެޓީމާއެކު 2020 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ. އޭނާ ބަޔާން އަށް ބަދަލުވީ 30 މިލިއަން ޔޫރޯ އަށެވެ. އެގޮތުން ބަޔާން އިން އޭނާ ދޫކޮށްލާނެ ކަމަށް ބެލެވެނީ 45 މިލިއަން ޔޫރޯ އަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޔުވަންޓަސްގެ އިތުރުން ބާސެލޯނާ އަދި ޗެލްސީން ވެސް އަންނަނީ ޑަގްލަސް ކޯސްޓާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ބޮޑަށް ބެލެވެނީ އޭނާ މި ސީޒަނަށްފަހު ބަޔާން ދޫކޮށްލާނެ ކަމަށެވެ.
ޑަގްލަސް ކޯސްޓާ ވަނީ މިވީތަނަށް ބަޔާންއަށް ކުޅުނު 77 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބްރެޒިލް ޓީމަށް ކުޅުނު 20 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
ބަޔާންއާއެކު ބުންޑަސްލީގާ ދެފަހަރު، ޖަރުމަން ކަޕް އަދި ޖަރުމަން ސުޕާކަޕްވެސް ޑަގްލަސް ކޯސްޓާ ވަނީ ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރު ދަށުގެ ވޯލްޑްކަޕްގެ ދެވަނަ އަދި ސައުތް އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.