ކ. މާލެ
|
5 ޖުލައި 2022 | އަންގާރަ 09:56
 ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ)
ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ)
އަދަދު
ޤައުމީ ވޮލީބޯޅަ މުބާރާތް 2022
ސެމީއަށް ނުކުތްއިރު ކުޅުންތެރިން މަސައްކަތްކުރީ ވަރަށް ގުޅިގެން: ފައްލޯ
ސެމީގައި ޕޮލިހުން ވަނީ ވެމްކޯގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާފައި

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލަށް ނުކުތްއިރު ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރީ ވަރަށް ގުޅިގެން ކަމަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ)ބުނެފިއެވެ.

މިއަހަރުގެ ޤައުމީ މުބާރާތުން ޕޮލިސް ޓީމަށް ޖާގަ ލިބުނީ ލީގުގެ ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ. ފުރަތަމަ ސެމީގައި އެ ޓީމު ވާދަކުރީ ލީގުގެ ތިން ވަނަ ކުލަބް ވެމްކޯއާއެވެ. ސެމީގައިި ޕޮލިހުން ވަނީ ވަރުގަދަ ވެމްކޯގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައި، ވެމްކޯ ކަޓުވާލައިފައެވެ. ސެމީން މޮޅުވެ ޕޮލިސް ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައެވެ. ތިން ވަނަ ސެމީގައި ޕޮލިސް ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.

ސެމީ މެޗަށްފަހު ފައްލޯ ބުނީ ލިބުނު މޮޅަށް ޙަމްދާއި ޝުކުރު ކުރާ ކަމަށެވެ. ފައްލޯ ބުނީ ޕޮލިސް ޓީމުގައި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، ޓީމު އަންނަނީ ތަޖުރިބާ ހޯދަމުން ކަމަށެވެ. އޭނާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން، އޮފިޝަލުން އަދި މެނޭޖުމަންޓު ގުޅިގެން ކުރެވުނު މަސައްކަތުން ނެރެވުނީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ.

ފައްލޯ ބުނީ ކުރީ ދެ މެޗެއްގައި ފާހަގަ ކުރި ގޮތަސް ޕޮލިސް ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅޭ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހު އެވާހަކަައް ދައްކަން ބޭނުންނުވާ ކަމަށެވެ.

އަޅުގަނޑުމެންގެ އިންޖަރީގެ މައްސަލަ އެބަހުރި. ކުރީ ދެ މެޗެއްގައި ވެސް އެކަން ފާހަގަ ކުރިން. ދެން ކޮންމެ ދުވަހަކު އެންޖަރީ އެންޖަރިއޭ ކިޔާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ރިކަވަރީ ސްޓޭޖުގައި މި އޮތީ. އަޅުގަނޑުމެން ރިކަވަރީއަށް މަސައްކަތް ކުރަމުން މި ދަނީ. އެއީ އަޅުގަނޑުމެން ފުރަތަމަ މެޗުގައި ބެންޗު ޓީމާއެކު މަސައްކަތް ކުރަން ޖެހުނު ސަބަބަކީ ވެސް، އެއީ އެންޖަރީގެ މައްސަލަ އެގޮތަށް ދިމާވެފައި އޮތީމަ.
ފަތުހުﷲ ވަހީދު (ފައްލޯ) / ޕޮލިސް ކުލަބުގެ ކޯޗު

މިއަހަރުގެ ވޮލީ ސީޒަނަށް ޕޮލިސް ޓީމުން އެކުލަވާލާފައިވަނީ ޒުވާން ޓީމެކެވެ. އެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ބަލާއިރު، އެސޯސިއޭޝަން ކަޕްގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި މާއީޝް އަހުމަދު، ވޮލީ ލީގުގެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ހައިލަމް ހަސަންގެ އިތުރުން އަޙުމަދު ނާފިޔު، ޝާމިލް މުހައްމަދު، މައުޒޫން ނިޔާޒް އަދި ޝާއިން ޢަބްދުﷲ ހިމެނެއެވެ. ޕޮލިސް ޓީމުގެ ޒުވާން ކުޅުންތެރިން މުބާރާތުގައި ދައްކާ ކުޅުމަށް އެ ޓީމުގެ ކޯޗު ފައްލޯ ވަނީ އެކި ފަހަރު މަތިން ތައުރީފުކޮށްފައެވެ.

މީގެ ކުރިން ފައްލޯ ފާހަގަ ކުރި ގޮތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ އެންމެ ބޮޑު މަގުސަދަކީ މުސްތަގުބަލަށް ކުޅުންތެރިން ތައްޔާރުކުރުމާއި، ޤާބިލްކަން އިތުރު ކުރުންކަމަށެވެ. ފައްލޯ ވަނީ ޕޮލިސް ޓީމާއެކު ފަރިތަކުރި ބައެއް ޒުވާން ކުޅުންތެރިން ކޯޓު މަތިން ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް ބުނެފައެވެ.

- ކޮމެންޓް