ކ. މާލެ
|
5 ޖުލައި 2022 | އަންގާރަ 08:34
ސެމީ މެޗުގެ ތެރެއިން
ސެމީ މެޗުގެ ތެރެއިން
އަދަދު
ޤައުމީ ވޮލީބޯޅަ މުބާރާތް 2022
ޤައުމީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސިޓީއަށް
ސިފައިންގެ މައްޗަށް ސިޓީން ކުރި ހޯދީ ސީދާ ތިން ސެޓުން

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް، ސްޕޯޓްސް ކުލަބް ސިޓީން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ފައިނަލްގެ ދެ ވަނަ ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ ތިން ވަނަ ސެމީއަށްފަހުއެވެ. މިރޭގެ ސެމީގައި ބައްދަލުކުރާނީ ސިފައިންނާއި ފުރަތަމަ ސެމީން މޮޅުވި ޕޮލިސް ކުލަބެވެ.

ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަަޒުގެ އެތެރޭ ހޯލުގައި ކުޅުނު ސެމީން ސިޓީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސިޓީން ކާމިޔާބުކުރީ 25-21، 25-18 އަދި 25-11 ންނެވެ. މެޗުގައި ސިޓީގެ ބިދޭސީ ސެޓަރު ވިޔާނަކު ސެޓުކޮށްދޭ ބޯޅަތަކުގައި އެ ޓީމުގެ ހަރްދީފް އާއި ވިނީތުގެ އިތުރުން އަލީ ހުޒާމް (ހުޒަންޓެ) ވަނީ ރަނގަޅު އެޓޭކުތަކެއް ކޮށްފައެވެ. ޖުމުލަކޮށް ސިފައިންގެ ޓީމަށް މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކެއެވެ.

ސިޓީން ވަނީ މިއަހަރުގެ ވޮލީ ސީޒަނުގެ އެސޯސިއޭޝަން ކަޕާއި، ޤައުމީ ލީގު ކާމިޔާބުކޮށްފައެވެ. ޤައުމީ މުބާރާތް ކާމިޔާބުކޮށް، ސިފައިން ހަދާފައިވާ ރެކޯޑާ އެއްވަރު ކުރުމުގެ ފުރުސަތު ސިޓީއަށް އެބަ އޮތެވެ.

މުބާރާތުގެ ތިން ވަނަ ސެމީގައި ޕޮލިސް އަދި ސިފައިން ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:30 ގައެވެ.

- ކޮމެންޓް