ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 19:32
ރެއާލް އަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ
ރެއާލް އަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ
ގޯލް.ކޮމް
އަލްވަރާ މޮރާޓާ
ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި
މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ވަނީ ޖުމްލަ 73 މިލިއަން ޕައުންޑު ހޭދަކޮށްފައި
ޔުނައިޓެޑަށް މޮރާޓާ ބަދަލުވެއްޖެ ނަމަ އޭނާ ވެގެންދާނީ އެންމެ އަގުބޮޑު ކުޅުންތެރިޔާއަަށް

މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ޖުއަންމާ ލޮޕޭޒް ކަށަވަރުކޮށްދީފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ލޮޕޭޒް ބުނީ ޔުނައިޓެޑަކީ މޮރާޓާ ބަދަލުވާން ވަރަށް ރަނގަޅު ކްލަބެއް ކަމަށާއި، އެ ކްލަބުން މިހާރު މޮރާޓާ އަށް ބިޑްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ލޮޕޭޒް ބުނީ އެކަމާ ގުޅިގެން އޭނާ އަށް އިތުރު އެއްޗެއް ބުނެވެސް ނެތް ކަމަށާއި، ހުރިހާ ބާރެއްވެސް އޮތީ ރެއާލް އަތް މަތީގައި ކަމަށެވެ.

މޮރާޓާ ހޯދަން ޔުނައިޓެޑްގެ އިތުރުން އެހެން ކްލަބްތަކުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ ހޯދުމަށް ޔުނައިޓެޑް ފިޔަވާ ދެން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ އޭސީ މިލާންކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެ ކްލަބުންވެސް އޭނާ އަށް ބިޑްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން މޮރާޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައިވަނީ 64 މިލިއަން ޕައުންޑަށް ކަމަށާއި، އެހެންނަމަވެސް ފުރަތަމަ ޔުނައިޓެޑުން ހުށަހެޅީ 60 މިލިއަން ޕައުންޑު ކަމަށެވެ. އެގޮތުން ޔުނައިޓެޑުން ހަތަރު މިލިއަން ޕައުންޑު އިތުރުކުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން ހުރިހާ ހަރަދުތަކާއެކު އުމުރުން 24 އަހަރުގެ މޮރާޓާގެ ޓްރާންސްފާ ފީ 73 މިލިއަން ޕައުންޑަށް އަރާނެ ކަމަށާއި، އެގޮތުން އޭނާ ވެގެންދާނީ ސްޕެއިންގެ ތާރީހުގައިވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް ކަމަށެވެ.

ރެއާލް މެޑްރިޑް ޔޫތް ޓީމުން ކެރިޔަރު ފެށި މޮރާޓާ އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގައި ހަތަރު ސީޒަން ހޭދަކޮށް ކުޅުނު 52 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޔުވަންޓަސް އަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި ދެ ސީޒަން ވަނީ ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 93 މެޗުގައި 31 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލިގުގެ ދެވަނަ ވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލް އަށް ބަދަލުވީ މި ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް މި ސީޒަނުގައި އެޓީމަށް ކުޅުނު 43 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް