ކ. މާލެ
|
5 ޖުލައި 2022 | އަންގާރަ 07:08
ކޮޕަންހޭގަންގައި ހިނގި ބަޑީގެ ހަަމަލާގެ ހާދިސާ
ކޮޕަންހޭގަންގައި ހިނގި ބަޑީގެ ހަަމަލާގެ ހާދިސާ
ރޮއިޓާރސް
ކޮޕަންހޭގަންގައި ހިނގި ބަޑީގެ ހަަމަލާ
ކޮޕަންހޭގަންގައި ބަޑި ޖަހައި މީހުންތައް މަރާލި މީހާއަށް މަރުގެ ދައުވާ އުފުލައިފި
އެމީހާއަކީ ނަފްސާނީ މައްސަލަ ހުރި މީހެއް

ޑެންމާކްގެ ވެރިރަށް ކޮޕަންހޭގަންގައި ހުރި ޝޮޕިން ސެންޓަރެއްގެ ތެރެއަށް، ހަތިޔާރު ހިފައިގެން ވަތް އުމުރުން 22 އަހަރުގެ ފިރިހެން މީހާގެ މައްޗަށް މަރުގެ ދައުވާ އުފުލައިފިއެވެ.

ފުލުހުން ބުނީ އެމީހާއަކީ ނަފްސާނީ މައްސަލަ ހުރި މީހެއް ކަމަށާއި މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެމީހާ 24 ދުވަސްވަންދެން ސައިކިއޭޓްރިކް ވޯޑުގައި ބާއްވައިގެން ފަރުވާ ދޭނެ ކަމަށް ވެސް ކަމާއި ގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ޝޮޕިން ސެންޓަރު ތެރެއަށް ވަދެ، އާންމުންގެ ތެރެއަށް ބަޑި ޖެހުމާއި ގުޅިގެން މި ހާދިސާގައި ތިން މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ހަތަރު މީހަކަށް ވަނީ ޒަޚަމްތައް ލިބިފައެވެ. ފުލުހުން ބުނި ގޮތުގައި މި ހަމަލާގައި މަރުވި ތިން މީހުންނަކީ، 40ގެ އަހަރުތަކުގެ ފިރިހެނަކާއި ޒުވާން ދެ ފިރިހެނުންނެވެ. މި ހާދިސާގައި ޒަޚަމްވި ހަތަރު މީހުންނަކީ އުމުރުން 40 އަހަރުގެ އަންހެނަކާއި އުމުރުން 19 އަހަރުގެ އަންހެނެކެވެ. އަދި އުމުރުން 50 އަހަރުގެ ފިރިހެނަކާއި އުމުރުން 16 އަހަރުގެ އަންހެނެކެވެ. އަދި އެކަކުގެ ހާލު ސީރިއަސްކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބަޑި ޖެހުމުގެ ހާދިސާ ހިނގި ވަގުތު ޝޮޕިން ސެންޓަރުގެ އެތެރޭގައި ތިބި ބައެއް މީހުން ބުނި ގޮތުގައި، ހަތިޔާރު އަޅައިގެން ހުރި މީހަކު އެ ތަނުގެ އެތެރެއަށް ވަދެ އަޑު ގަދަކުރަން ފެށުމުން، އެންމެން ވެސް ހީކުރީ ފޭރެން އުޅޭ ވަގެއް ކަމަށެވެ. ނަމަވެސް އިރުކޮޅަކުން ތަނެއްދޮރެއް ނުބަލައި، މީހުންތަކުގެ ތެރެއަށް ބަޑިޖަހަން ފެށީ ކަމަށް، އެ ތަނުގައި ތިބި މީހުންނާ ހަވާލާދީ ޑެންމާކްގެ ނޫސްތަކުން ބުނެއެވެ.

ފުލުހުން ބުނީ ޝޮޕިން ސެންޓަރުގެ ތެރޭގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް އެންމެ ފުރަތަމަ ލިބުނީ ހަވީރު 5:37 ހާއިރުއެވެ. އޭގެ 11 މިނެޓް ފަހުން ފުލުހުން އެ ޝޮޕިން ސެންޓަރަށް ދިޔައިރު، ބަޑި ޖެހި މީހާ އުޅުނީ އެ އިމާރާތުގެ ގޯތިތެރޭގައި ކަމަށާއި، ވަގުތުން އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ޑެންމާކްގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސެން ވިދާޅުވީ މިއީ ހިތް ހަލާކުވެ ބަސް ހުއްޓިގެން ދިޔަ ހާދިސާއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް