ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް އަން އެމްޕްލޮއިމަންޓް އިންޝުއަރެންސް ބެނިފިޓް ސްކީމް އެއް ތައާރަފު ކުރުމަށާއި "އެކްޓިވް ލެބަރ މަރކެޓް ސަރވިސަސް" ގެ ޚިދުމަތް ތައާރަފުކޮށް ފުޅާ ކުރުމަށް ވޯލްޑް ބޭންކް އާއިއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ކަންޓްރީ ޑިރެކްޓަރ ފޯރ މޯލްޑިވްސް ފާރިސް ހަދާދް ޒަރވޮސް އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްއަކީ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބަރ ސަރވިސަސް (ސެއިލްސް)" އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އަން އެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް ގާއިމުކުރުމަށާއި އެއް ވިއުގައަކުން ވަޒީފާގެ ބާޒާރާ ގުޅުންހުރި ޚިދުމަތްތައް ނުވަތަ "އެމްޕްލޯއިމަންޓް ސާރވިސަސް" ގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ވާލްޑް ބޭންކުގެ ފަރާތުން ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. އެގޮތުން، އިކޮނޮމިކް މިނިސްޓްރީ އިން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މި ޚިދުމަތްތައް ލިބޭނެގޮތް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބް ސެންޓަރުތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ޖޮބް ސެންޓަރުތައް މެދުވެރިކޮށް 'އަޕްސްކިލިންގ އަދި ޓްރެއިނިންގ' ގެ އެކިއެކި ފުރުސަތުތައް ހުޅުވާލައި، އަންއެމްޕޮލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމަށް ހުށަހަޅާ ފަރާތްތަކުން އަނބުރާ ވަޒީފާގެ މައިދާނަށް ނެރުމަށް ބޭނުންވާ އެހީތެރިކަންވެސް ޖޮބް ސެންޓަރު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.
މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ އިކޮނޮމިކް މިިނިސްޓްރީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ގުޅިގެންނެވެ. މި ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވަނީ 2027ގެ ނިޔަލަށެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވަނީ މިހާރު ވެސް މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޕްރޮޖެކްޓުގެ އިތުރު މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.