ކ. މާލެ
|
3 ޖުލައި 2022 | އާދީއްތަ 16:38
ކިއުބާއިން އައި ޑޮކްޓަރުންގެ ޓީމު
ކިއުބާއިން އައި ޑޮކްޓަރުންގެ ޓީމު
ހެލްތު މިނިސްޓްރީ
ކިއުބާއިން އަންނަ ސްޕެޝަލިސްޓް ޑޮކްޓަރުން
ކިއުބާއިން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އިތުރު ބެޗެއް އަތުވެއްޖެ
2ވަނަ ބެޗުގައި 12 ޑޮކްޓަރުން ރާއްޖެ އައި
މިހާތަނަށް ކިއުބާއިން 16 ސްޕެޝަލިސްޓް ޑޮކްޓަރުން ވަނީ ގެނެސްފައި

ރާއްޖެަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ކިއުބާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެންނަ ޑޮކްޓަރުންގެ 2ވަނަ ބެޗް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ސިއްހީ ޚިދުމަތުގެ ފަންނުވެރިން ގެނައުމަށް ދިވެހި ސަރުކާރާއި ކިއުބާ ސަރުކާރާ ދެމެދު އެއްބަސްވެފައިވަނީ 9 ޑިސެމްބަރު 2021ގައެވެ. ކިއުބާގައި ބޭއްވި ބައްދަލް ވުމެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު މާހިރުއެވެ. އަދި ކިއުބާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ޖޯސް އެންޖެލް ޕޯޓަލްއެވެ.

މި އެއްބަސްވުމުގެ ދަށުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފުރަތަމަ ބެޗު ރާއްޖެ އައީ 29 ޖޫން 2022 ގައެވެ. އެ ބެޗުގައި 4 ސްޕެޝަލިސްޓް ޑޮކްޓަރުން ހިމެނެއެވެ.

އާދީއްތަ ދުވަހު އައި ބެޗުގައި 12 ޑޮކްޓަރުން ހިމެނެއެވެ. މިއާއެކު ރާއްޖެއާއި ކިއުބާގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިހާތަނަށް 16 ސްޕެޝަލިސްޓް ޑޮކްޓަރުން މިވަނީ ރާއްޖެ ގެނެސްފައެވެ.

Advertisement

ކިއުބާއާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އަންނަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ތެރޭގައި، މޯލްޑިވްސް ބްލަޑް ސަރވިސަސްގައި މަސައްކަތްކުރާނެ ހެމޮޓޮލިޖިސްޓަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރާނެ ސައިކިއޭޓްރިސްޓުންނާއި، ދަމަނަވެށީގައި މަސައްކަތްކުރާނެ ފެމިލީ މެޑިސިން ޑޮކްޓަރުންނާއި، އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާނެ އެތެރެ ހަށީގެ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުންނާއި އަދި ރޭޑިއޮލޮޖިސްޓުން ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކިއުބާއަކީ ރައްޔިތުންނަށް ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތެއް ކަށަވަރުކުރުމަށްޓަކައި ކިއުރެޓިވް ކެއަރއެކޭ އެއްހަމައަށް ޕްރައިމަރީ ހެލްތު ކެއަރއަށް އަހަމިއްޔަތުކަން ދީގެން، ޕްރައިމަރީ ހެލްތު ކެއަރ ޝާމިލުކޮށްގެން ޚިދުމަތްތައް ރާވައި، ވަށައިޖެހޭ ޚިދުމަތެއް ފޯރުކޮށްދެމުންދާ ސިއްހީ ނިޒާމެއް ގާއިމްކޮށްފައިވާ ގައުމެއްކަމަށެވެ. އެހެންވެ އެ ގައުމާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނެވޭ ޑޮކްޓަރުންގެ ތަޖުރިބާގެ އަލީގައި ރާއްޖޭގައިވެސް ޕްރައިމަރީ ހެލްތު ކެއަރއަށް އަހައްމިއްޔަތުކަމެއް ދޭ ސިއްހީ ނިޒާމެއް ބިނާކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އިތުރު އެހީތެރިކަމާއި ކުރިއެރުން ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކުރެވޭ ކަންކަމުގެ ތެރޭގައި ރަށްތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި ރީޖަނަލް ހޮސްޕިޓަލުތައް ބޮޑު ކުރުމާއި ރާއްޖޭގައި ކުރިން ނުލިބޭ ސިއްހީ ޚިދުމަތްތައް ތައާރަފު ކުރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް