މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން މަޝްވަރާތައް ފަށައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންދަނީ ފިނޭންސް މިނިސްޓްރީ އިންނެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މަޝްވަރާތައް ކުރިއަށްގެންދިޔަ ނަމަވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީގެ އަދަދު އިތުރު ކުރުމަށް އަދި ނުނިންމާ ކަމަށް ފިނޭންސުން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްވަރާތައް ކުރަމުން އަންނަނީ މެދުރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން ދާއިރާގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ. މި މަޝްވަރާތަކުގައި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދައި ޓެކްސް އިތުރު ކުރުމަށް ނިންމާނީ އެ ޚިޔާލުތަކަށް ބަލައިގެން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާތައް ފަށާފައިވާއިރު ފިނޭންސުން ބޮޑުކުރަން ހުށަހަޅާ އަދަދަކީ ޖީއެސްޓީ 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 16 އިންސައްތައަށެވެ. މިހާރު ޖީއެސްޓީން ނަގަނީ 6 އިންސަތައެވެ. އަދި ޓީޖީއެސްޓީން ނަގަނީ 12 އިންސައްތައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ފިނޭންސް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ސްޓެކްހޯލްޑަރުންނާ ބައްދަލުކޮށްފައެވެ. މީގެ ތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއެމްއޭ) އާއި މަޓާޓޯޯ ހިމެނޭ ކަމަށް މައުލޫމާތު ލިބެެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 2011 ވަނަ އަހަރުން ފެށިގެން އަންނަނީ އަމަލު ކުރަމުންނެވެ. މީގެ ތެރެއިން ނަގާ ޖީއެސްޓީއަކީ އާއްމު މުދަލާއި ޚިދުމަތުން ނަގާ ޓެކުހެވެ. އަދި ޓީޖީއެސްޓީ އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އަންނަ މުދަލާއި ޚިދުމަތުގެ ޓެކުހެވެ.
ކޮވިޑް-19 އާއި ރަޝިއާ، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ވަނީ ހީނަރުވެފައެވެ. މީގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާއިރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.