މިއަހަރުގެ މިހާތަނަށް ސަރުކާރުން ހިންގާފައިވާ ޕަބްލިކް ސަރވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން 23 ގެ ނިޔަލަށް ދައުލަތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށެވެ.
ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް މުޅި ޖުމްލަ 511.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ތެރެއިން ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް 390.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހަމައެކަނި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް 27.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދު ފެނުގެ ނިޒާމު ގާއިމްކުރުމަށް 94.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން ހައުސިން އަދި އިންފްރާސްޓްރަކްޗަރ މަސައްކަތްތަކަށް 292.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަކޮށްފައިވާއިރު، ބިން ހިއްކުމުގެ މަޝްރޫއުތަކަށް 160.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތަށް 213.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް 418.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން ބްރިޖު ތަރައްޤީކުރުމުގެ މަޝްރޫއުތަކަށް ދައުލަތުން ވަނީ 283.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް މަޝްރޫއުތަކަށް 37.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން ޤައުމީ ސަލަމަތާ ގުޅުންހުރި މަސައްކަތްތަކަށް ދައުލަތުން ވަނީ މިހާތަނަށް 19.14 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް 90.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ތައުލީމީ ދާއިރާއަށް 179.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސްއިން ހާމަކޮށްފައިވެއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުތަކަށް 355.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޚަރަދު ވަނީ 18.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިގޮތުން ރިކަރަންޓް ޚަރަދުގެ ގޮތުގައި 12.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.7 ބިލިއަން ރުފިޔާއެވެ.