މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް 2023 ހޯސްޓުކުރުމަށް ސައުތު ކޮރެއާއިން ބިޑްކޮށްފިއެވެ.
މީގެ ކުރިން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ ޗައިނާގައެވެ. ނަމަވެސް އެގައުމުގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މުބާރާތް ނުބޭއްވޭނެކަން ރަސްމީކޮށް އޭއެފްސީއަށް އެންގީ މިދިޔަ މެއި މަހުއެވެ. އެހެންކަމުން މުބާރާތް ހޯސްޓުކުރަން ބިޑްކުރުމުގެ ފުރުސަތު އޭއެފްސީން ހުޅުވާލީ ނިމުނު މަހުގެ ނިޔަލަށެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު އޭއެފްސީން ވަނީ މި މުއްދަތު އިތުރުކޮށް، މި މަހުގެ 15އާ ހަމައަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. 24 ގައުމަކުން ބައިވެރިވާ މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަންނަ އަހަރުގެ ޖޫން މަހާއި ޖުލައި މަހުއެވެ.
މިދިޔަ މެއި މަހު ޖަޕާނުންވެސް ވަނީ މުބާރާތް ހޯސްޓުކުރުމުގެ ޝައުގުވެރިކަން ނުރަސްމީކޮށް ފާޅުކޮށްފައެވެ. އަދި އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް، މުބާރާތް ހޯސްޓުކުރުމަށް އެގައުމަށް އޮތް ފުރުސަތުތައް ބަލަމުން އަންނަކަމަށް ބުނެފައިވެއެވެ.