Advertisement
ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 12:35
އުދަ އަރައި ރަށެއްގައި ފެން ބޮޑުވެފައި
އުދަ އަރައި ރަށެއްގައި ފެން ބޮޑުވެފައި
ފޭސްބުކް
ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުން
އުދަ އެރުމުގެ ސަބަބުން 36 އާއިލާއެއް ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނު: އެންޑީއެމްއޭ
އެހީ ފޯރުކޮށްދޭން ޖެހުނީ ތ. ތިމަރަފުއްޓާއި ގދ. މަޑަވެލި އަދި އދ. ފެންފުށީގެ އާއިލާތަކަކަށް

މޫސުން ގޯސްވެ ހުކުރު ދުވަހު އުދަ އެރުމުގެ ސަބަބުން ތ. ތިމަރަފުއްޓާއި ގދ. މަޑަވެލި އަދި އދ. ފެންފުށިން 36 އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނުވެސް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.

ވިއްސާރައިގައި ގދ. މަޑަވެލީގެ 98 އިންސައްތަ ގޭބިސީއަށް ލޮނުގެ އަސަރުކޮށްފައިވާއިރު، އޭގެ ސަބަބުން 4 އާއިލާއަކަށް އެ ރަށު ކައުންސިލުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އަދި އެހެން ބައެއް އާއިލާތަކުން ވަގުތީ ގޮތުން އެ މީހުންގެ އާއިލާ އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އުދަ އެރުމުގެ ސަބަބުން ގދ. އަތޮޅުގައި ދެން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އެ އަތޮޅު ރަތަފަންދޫއަށެވެ. އެ ރަށުގެ 40 އެއްހާ ގެއަށް އުދައިގެ އަސަރުކޮށް، އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް އެންޑިއެމްއޭއިން ބުނެއެވެ.

އެ އިދާރާއިން ބުނިގޮތުގައި ތ. ތިމަރަފުއްޓަށް ވެސް އުދަ އެރުމުގެ ސަބަބުން ވަނީ އެކި ވަރުގެ ގެއްލުންވެފައެވެ. އެގޮތުން، އެ ރަށުގެ 30 އެއްހާ އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު 1 އާއިލާ އަދިވެސް ތިބީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށް ބުނެއެވެ.

Advertisement

ތ. އަތޮޅުގައި ގެއްލުން ލިބުނު އިތުރު ރަށްތަކުގެ ތެރޭގައި ގާދިއްފުއްޓާއި ކިނބިދުއާއި މަޑިފުއްޓާއި ވޭމަންޑުއާއި ދިޔަމިގިލި ހިމެނެއެވެ. ގާދިއްފުއްޓަށް އުދަ އަރައި ނަރުދަމާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ކިނބިދޫގެ 90 އިންސައްތަ ގޭބިސީއަށާއި މަޑިފުށީގެ 60 ގެއަށާއި ވޭމަންޑޫ ނަރުދަމާގެ ނިޒާމު އަދި ދިޔަމިގިލީގެ 4 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ.

މީގެ އިތުރުން ލ. އަތޮޅުގެ މާވަށާއި މާބައިދޫއަށް އުދައިގެ އަސަރުކޮށްފައިވާއިރު އދ. ފެންފުއްޓާއި ދިއްދޫއަށް ވެސް އުދައިގެ އަސަރު ކުރިއެވެ. ފެންފުށީގެ 1 ގެއަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މީހުން ބަދަލުކޮށްފައިވާއިރު ދިއްދޫގެ 6 ގެއަކަށް ވެސް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި އެ އިދާރާއިން ދަނީ އުދައިގެ ސަބަބުންނާއި ވިއްސާރައިގެ ސަބަބުން ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ބަލައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސް ކުރަމުން ކަމަށެވެ. އަދި ގެއްލުން ކުޑަކުރުމާއި އިޖާބަދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ރަށްރަށުގެ ކައުންސިލް އިދާރާތަކާއި ޢާންމު ރައްޔިތުން އަދި ސިފައިންނާއި ފުލުހުން ގުޅިގެން ގެއްލުން ކުޑަކުރުމާއި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ މަސައްކަތް އެންޑީއެމްއޭއާ ގުޅިގެން ކުރިއަށްގެންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރައާއި އުދައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ކައުންސިލްތަކަށް އަންގާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް