ކެރަމް ޤައުމީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އިސްމާއިލް އަޒްމީން ހޯދައިފިއެވެ.
މިއީ ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ކެރަމްގެ އެންމެ މޮޅު އެތުލީޓަކަށް ވެސް ހޮވުނު އަޒްމީން ޤައުމީ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަޒްމީން ވަނީ ތިން އަހަރު މުބާރާތުގެ ފައިނަލްގައި ކުޅެ، ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އޭނާ ވަނީ 2014، 2016 އަދި 2019 ވަނަ އަހަރުގެ ފައިނަލްގައި ކުޅެފައެވެ. މިއަހަރުގެ ފައިނަލްގައި އަޒްމީން ވާދަކުރީ ހުސެއިން ނީޝާމް (ނީނީ) އާއެވެ. މިއީ ފައިނަލްގައި ބަލިވި ނީނީ މުބާރާތުގެ ފައިނަލްގައި ބަލިވި ހަ ވަނަ ފަހަރެވެ. ނީނީ އަކީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ހަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އޭނާގެ އިތުރުން ހަސަން ނާޒިމް (ނާނަ) ވެސް ވަނީ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.
ފައިނަލް މެޗު އަޒްމީން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ގޭމު އަޒްމީން ކާމިޔާބުކުރީ 25-3 ންނެވެ. ދެ ވަނަ ގޭމު އޭނާ ކާމިޔާބުކޮށްފައިވަނީ 25-0 ންނެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިދާދުއެވެ. މިއީ އޭނާ ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރީ ފަސް ވަނަ ފަހަރެވެ. މިގެ ކުރިން ވިދާދު ވަނީ 2017، 2018، 2019، 2021 އަދި 2022 ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އެއާއެކު ވިދާދު ވަނީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޝަޒްނާއާ ގާތަށް ޖެހިލާފައެވެ. ޝަޒްނާ ވަނީ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.
މިއަހަރުގެ ފައިނަލްގައި ވިދާދު ވާދަކުރީ ޤައުމީ މުބާރާތް ދެ އަހަރު ހޯދާފައިވާ އައިޝަތު ފައިނާޒްއާއެވެ. ވިދާދު ވަނީ ފައިނަލްގައި ފައިނާޒްގެ މައްޗަށް ސީދާ ދެ ގޭމުން ކުރި ހޯދާފައެވެ. ވިދާދު ފުރަތަމަ ގޭމު ކާމިޔާބުކުރީ 25-19 ންނެވެ. ދެ ވަނަ ގޭމު ކާމިޔާބުކުރީ 25-11 ންނެވެ. މީގެ ކުރިން ވެސް ވިދާދު ވަނީ ފައިނަލްގައި ފައިނާޒް ބަލިކޮށްފައެވެ.
ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެނުންގެ ޓީމު އިވެންޓްގެ ފައިނަލްއާއި، އަންހެން ޑިވިޝަނުގެ ޓީމު އިވެންޓުގެ ފައިނަލްގައި ވާދަކުރީ ކުޑަ ހެންވޭރު ޔުނައިޓެޑްއާއި ދި ލައިވް ސްޕޯޓްސްއެވެ. ދެ ކެޓަގަރީގެ ފައިނަލްގައި ވެސް ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދި ލައިވްއެވެ.
މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އާދަމް އަދީލް އާއި އައިޝަތު ފައިނާޒްގެ ޕެއާއެވެ. މި ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާގެ ޕެއާ 19-5 އަދި 16-12 އިން ބަލިކޮށްގެންނެވެ. މި އިވެންޓުގެ ތިން ވަނަ އަށް ހޮވުނީ ޔަމާން އާއި ރަޔާނާގެ ޕެއާއެވެ. އެއީ ތިން ވަނަ ހޮވި މެޗުގައި އިސްމާއިލް އަޒްމީން އާއި އާމިނަތު ޝުބާ އާދަމްގެ ޕެއާ ބަލިކޮށްގެންނެވެ.
ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަލީ އާޒިމް އާއި ހުޖާންގެ ޕެއާއެވެ. މި ޕެއާ ޗެމްޕިއަންކަން ހޯދީ މުހައްމަދު މުންތަސިރު އާއި ޔަމާންގެ ޕެއާ ބަލިކޮށްގެންނެވެ. އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ވާދަކުރީ އާމިނަތު ވިދާދު، އާމިނަތު ވިޝާމާގެ ޕެއާ އަދި އާމިނަތު ނިފާޝާ، ނަހުފާގެ ޕެއާއެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ ވިދާދު، ވިޝާމާގެ ޕެއާއެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ހުކުރު ދުވަހުގެ ރޭ ބާއްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފްއެވެ.