ރާއްޖޭގެ މޫސުން ގޯސްވެ، ހޮނިހިރު އަދި އާދީއްތަ ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ހުކުރު ދުވަހުގެ ރޭ ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 2 ދުވަހު ހުޅަނގާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، ކަނޑުގަދަވެ، ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފައިވާ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްރަށަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދޭކަމަށް ބުނެފައިވެއެވެ.
އުދައިގެ އަސަރު ކޮށްފާނެ ކަމަށް ލަފާ ކޮށް އެންޑީއެމްއޭއިން ވަނީ ދުރާލައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ވާރޭވެހި އުދަ އެރުމުގެ ސަބަބުން ފެންބޮޑުވެދާނެތީ ގެއަށް ފެން ނުންވާނެހެން ގޭގެ ދޮރުމަތީ ވެލިބަސްތާ ޖެހުން ފަދަ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ގޭތެރެއަށް ފެން ވަދެއްޖެ ހާލަތެއްގައި ގެއްލުން ލިބޭނެ ފަދަ ތަކެތި އުސްތަންތަނަށް ބަދަލު ކުރުމާއި ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުން ކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ވައިގަދަވުމުގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ތައްޔާރުވެ ތިބުމަށް ވެސް އެންޑީއެމްއޭއިން އިލްތިމާސްކުރެއެވެ. އެގޮތުން، ފުރާޅު ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކޮށްފައި ބެހެއްޓުމާއި ވައިގަދަވުމުގެ ސަބަބުން އެއްލާލަފާނެ ކަމަށް ބެލެވޭ އެހެނިހެންތަކެތި ވެސް ބަނދެ ރައްކާތެރިކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްކޮށް ދައްކާތީ ކަނޑުދަތުރު ކުރާއިރު މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުކަން ދިނުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. މި ހާލަތުގައި ދަތުރު ކުރާއިރު އުޅަނދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރިކަން ކަށަވަރު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހުކުރު ދުވަހު އުދަ އެރުމުގެ ސަބަބުން މެދުރާއްޖެތެރެއާއި ދެކުނުގެ 7 އަތޮޅެއްގެ ރަށްތަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ވެފައިވާ ގދ. މަޑަވެއްޔަށް އުދަ އަރައި 98 އިންސައްތަ ގޭބިސީއަށް ވަނީ ލޮނުގެ އަސަރުކޮށްފައެވެ.
ރައީސުލްޖުމްހޫެރިްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވަނީ އެ ރަށަށް ގުޅުއްވައި ރަށުގެ ހާލަތު އޮޅުންފިއްލުވާފައެވެ. އަދި ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.