ދުނިޔޭގެ 110 ޤައުމެއްގައި އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ ކޮވިޑުގެ ޕެންޑެމިކް ނިމުމަކާ ގާތް ވެސް ނުވާ ކަމަށެވެ. އަދި ޤައުމުތަކުގެ ކޮވިޑްއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް މާބޮޑަށް ދޫ ދީފައިވުމުގެ ސަބަބުން އެއަށް ޖެނެޓިކް ބަދަލުތައް ޓްރެކް ކުރެވެން ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން އާ ވޭރިއަންޓްތައް ހޯދައިގަންނަން ދަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑުގައި މަރުވާ މީހުންގެ އަދަދު ކުރީ ހަފްތާއާ އަޅާ ބަލާއިރު މި ހަފްތާގައި އެއްވަރެއްގައި ހުރި ނަމަވެސް 3 ސަރަހައްދެއްގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. އެއީ މެދު އިރުމައްޗާއި އިރުމަތީ އޭޝިއާ އާއި އެމެރިކާ ސަރަހައްދުގެ ޤައުމުތަކެވެ.
މަރުވާ މީހުންގެ އަދަދުގެ އިތުރުން ކުރީ ހަފްތާއާ އަޅާބަލާއިރު މި ހަފްތާގައި ފެންނަ ކޮވިޑުގެ ކޭސްތައް ފެންނަ އަދަދުވެސް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ދައްކައެވެ. އެގޮތުން، އެންމެ ބޮޑަށް އިތުރުވެފައިވަނީ މެދު އިރުމަތީ ޤައުމުތަކުންނެވެ. އެ ޤައުމުތަކުން ކޭސްތައް ފެންނަ އަދަދު 47 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ޑްބަލިއުއެޗްއޯއިން ބުނެއެވެ.
ޔޫރަޕާއި އިރުމަތީ އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން ކޭސްތައް އިތުރުވާ މިންވަރު 32 އިންސައްތައިގައި ހުރިއިރު އެމެރިކާގައި 14 އިންސައްތައަށް އަރާފައިވާ ކަމަށް ވެސް ރިޕޯޓުތައް ދައްކައެވެ.
މިހާތަނަށް ދުނިޔޭގެ އެކި ޤައުމުތަކުން 4.1 މިލިއަން ކޮވިޑް ކޭސް ވަނީ ފެނިފައެވެ.