ހއ. އަތޮޅުން ބ އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ހެނދުނު 11ން ފެށިގެން ހަވީރު 16:00 ޖެހުމާ ހަމައަށް އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރޭ ކަމަށެވެ. މިގަޑިތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ 2022 ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު ގިނަ ހިސާބަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިދުވަސްވަރު ރާއްޖެ ސަރަހައްދުގައި ފިނިހޫނުމިން އެންމެ މައްޗަށްދާވަރު، ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފިހިހޫނުމިން އެންމެ ދަށްވެގެންދާވަރު ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ، ކުރިއޮތް ތިން ދުވަހު ވިއްސާރަކޮށް، ގުގުރައި، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާކަމަށެވެ. އަދި ހަފުތާ ބަންދާއެކު، ޚާއްސަކޮށް އުތުރުއާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
އަދި މި ދުވަސްވަރަކީ ސްކޫލް ބޮޑުޗުއްޓީގެ ދުވަސްވަރަށްވެފައި ގިނަބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އޮޑިވެރިންނާއި، ކެޕްޓަނުންނާއި، ފަޅުވެރިންނާއި އަދި ދަތުރުތަކުގައި ބައިވެރިވާ ފަރާތްތަކުންވެސް، ދަތުރުކުރެވެނީ ސަލާމަތްތެރި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރުމަށްފަހު ކަނޑުމައްޗަށް އެރުމަށް ވަނީ އިރުޝާދުދީފައެވެ.
އަދި ދަތުރުކުރާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191ށް ގުޅުމަށް ވަނީ އެދިފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި، ރައްކާތެރި މަގެއް ޚިޔާރުކޮށް ދަތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފާއިތުވެދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ކޯސްޓްގާޑުން ކަނޑުމަތީގެ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.