ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 23:32
ކޯޗު ސޮބާ ޓީމްގެ ކުޅުންތެރިންނާ ވާހަކަދައްކަނީ
ކޯޗު ސޮބާ ޓީމްގެ ކުޅުންތެރިންނާ ވާހަކަދައްކަނީ
ނިއުރޭޑިއަންޓް އެނބުރި އައުން
ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އެފްއޭއެމްއިންވެސް އުވާލައިފި
ދެވަނަ ޑިވިޝަންގައި ނިއުރޭޑިއަންޓް ވާދަކުރާނެ

މުބާރާތްތަކުގައި ބައިވެރިނުވެވޭގޮތަށް ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮތް އޮތުމަށް އެފްއޭއެމްއިން ނިމުން ގެނެސްފިއެވެ.

ސަސްޕެންޝަން އުވާލިކަން އިއުލާންކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައެވެ. ނިއުރޭޑިއަންޓުގެ ސަސްޕެންޝަން އެފްއޭއެމްއިން އުވާލީ ބުރާސްފަތިދުވަހުގެރޭ ބޭއްވި އެކްސްކޯ ބައްދަލުވުމުގައެވެ. މައުލޫމާތުލިބޭ ގޮތުގައި އެކްސްކޯގެ ބައްދަލުވުމުގައި ބުރާސްފަތި ދުވަހުވެސް ނިއުރޭޑިއަންޓްގެ މައްސަލަ އެޖެންޑާކޮށް ކުރިއަށް ގެންދިޔައެވެ. އަދި އަންގާރަ ދުވަހުވެސް އެކްސްކޯ ބައްދަލުވުމުގައި ނިއުރޭޑިއަންޓްގެ މައްސަލަ އެޖެންޑާކޮށް ކުރިއަށްގެންދިޔަކަމަށް މައުލޫމާތުލިބެއެވެ.

ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އެފްއޭއެމްއިން އުވާލީ އެކްލަބުން ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާދިނުމަށް ކުޅުންތެރިންނާއެކު އެއްބަސްވުންތަކެއް ހަދާ އެފްއޭއެމްއަށް ހުށަހެޅުމުންނެވެ. އޭގެތެރެއިން ބައެއް ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާގެ ބައެއް ދީފައިވާކަމަށްވެސް މައުލޫމާތުލިބެއެވެ. ދިވެހި ކުޅުންތެރިންގެ ތެރެއިން ފައިސާ ނުދީ އޮތުމުން އެފްއޭއެމްއަށް މައްސަލަ ހުށަހެޅީ 10 ކުޅުންތެރިންނެވެ. އެދިހަ ކުޅުންތެރިންނާއެކުވެސް ނިއުރޭޑިއަންޓުން ވަނީ ސެޓްލްމަންޓް އެއްބަސްވުން ހަދާފައެވެ.

ދިވެހި ކުޅުންތެރިންގެ ކަންތައް ނިންމުމުގެ ކުރިން ބިދޭސީ ކުޅުންތެރިންނާއި ކޯޗަށް ދޭންޖެހޭ ފައިސާ ފީފާ މެދުވެރިކޮށް ދެއްކުމުން, ފީފާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ. ބިދޭސީ ކުޅުންތެރިންނާއި ކޯޗަށް 3.3 މިލިއަން ރުފިޔާ ދެއްކިއެވެ. ދިވެހި ކުޅުންތެރިންނަށް ދައްކަންޖެހޭ ފައިދާގެ އަދަދުވެސް ދެ މިލިއަނަށް އަރާކަމަށް ނިއުރޭޑިއަންޓުން ބުންޏެވެ. ނިއުރޭޑިއަންޓުން އަންނަނީ އަންނަ މަހު ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ޕްރެކްޓިސް ކުރަމުންނެވެ. މުބާރާތުގައި ބައިވެރިވާން ކްލަބުން ވަނީ ހުށަހަޅާފައެވެ. ނިއުރޭޑިއަންޓްގެ އިތުރުން ވިކްޓްރީވެސް ދެވަނަ ޑިވިޝަންގައި ވާދަކުރާނެއެވެ.

ދެ ކްލަބް އެނބުރި އަންނަނީ ތިން އަހަރެއްހާ ދުވަހަށް ފަހުއެވެ.

- ކޮމެންޓް