ގައުމީ ވޮލީބޯޅަ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު އޮއްފު އެފްސީ ބަލިކޮށް ޕޮލިސް ކްލަބުން ގައުމީ މުބާރާތުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މި މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ވާދަވެރިކޮށް ދިޔަ ފުރަތަމަ ސެޓުގައި ދެޓީމަށްވެސް ލީޑު ލިބުނެވެ. ނަމަވެސް އޭގެ ބޭނުންހިފައި ސެޓު ކާމިޔާބުކުރެވުނީ ޕޮލިސް ޓީމަށެވެ. ފުރަތަމަ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-23ންނެވެ.
ދެވަނަ ސެޓު ފަށައިގެން އޮއްފު އެފްސީން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިނަމަވެސް ޕޮލިހުން ވަނީ ފަހަތުން އަރައި ސެޓުގެ މެދުތެރެއިން ލީޑު ނަގާފައެވެ. އެލީޑުގައި އޮވެ ޕޮލިހުން ސެޓު ގެންދިޔައީ 25-16ންނެވެ. ތިންވަނަ ސެޓު ޕޮލިހުން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށް، 25-13ންނެވެ. ސެޓު ފެށުނީއްސުރެ ލީޑު ނަގައިގެން ރަނގަޅަށް ކުޅުނީ ޕޮލިސް ޓީމެވެ.
މި ނަތީޖާއާއެކު ގައުމީ މުބާރާތުގެ ޖާގައެއް ޕޮލިހަށް ޔަގީންވީއިރު ގައުމީ މުބާރާތުގެ ޖާގަ މިހާތަނަށް ޔަގީންވެފައި ދެން އޮތީ ސިފައިންގެ ކްލަބާއި ޗެމްޕިއަން، ސްޕޯޓްސް ކްލަބް ސިޓީއަށެވެ. ގައުމީ މުބާރާތުގެ ޖާގަ ލިބޭނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.
ލީގުގައި މާދަމާ ރޭ ބައްދަލުކުރާނީ ގުޑީސްއާއި ވެމްކޯއެވެ. މެޗު ފަށާނީ 20:30ގައެވެ.