ގަތަރާ ގުޅުން ކަނޑާލުމުގެ އިނާމެއްގެ ގޮތުން ސޯމާލިއާގެ ރައީސް މުހައްމަދު އަބްދުﷲ ފަރްމާޖޯއަށް ހުށަހެޅި 80 މިލިއަން ޑޮލަރަށް ނޫނެކޭ ވިދާޅުވެ އެ ހުށަހެޅުން ސޯމާލިއާގެ ރައީސް ދޫކޮށްލެއްވި ކަމަށް ނިއު ޚަލީޖް ނިއުސްއާ ހަވާލާދީ މިޑްލް އީސްޓް މޮނިޓަރ އިން ބުނެފިއެވެ.
ސޯމާލީ ޓުޑޭ ނޫހުން މި ކަމާބެހޭ ގޮތުން ހާމަކޮށްފައިވާ ޚަބަރެއްގައި ބުނަނީ، ގަލްފްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސޯމާލިއާއިން ގެންގުޅޭ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތު ބަދަލު ކޮށް ގަތަރާއެކު އޮންނަ ގުޅުން ކަނޑާލުމަށް ސައުދީ އަރަބިއްޔާއިން ވަރަށް ބޮޑަށް އެގައުމުގެ ރައީސަށް ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަމަށެވެ. މިގޮތުން ސޯމާލިއާގެ ސިޔާސަތު ބަދަލު ނުކޮށްފިނަމަ އެގައުމަށް ސައުދީ އަރަބިއްޔާއިން ދޭ ފައިސާގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދިން ކަމަށްވެސް ސޯމާލީ ޓުޑޭ ގައި ރިޕޯޓްކޮށްފައިވެއެވެ.
ގަތަރާ ގަލްފްގެ ބައެއް ގައުމުތަކާ ކުރިމަތިވެފައިވާ މައްސަލަ އާ ގުޅިގެން ސޯމާލިއާއިން ގެންގުޅެމުންދަނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެކެވެ. ނަމަވެސް، ގަތަރަށް ވައިގެ މަގުތައް އަވައްޓެރި ގައުމުތަކުން ބަންދު ކުރުމާއެކު ސޯމާލިއާއިން ވަނީ އެގައުމުގެ ވައިގެ މަގު ބޭނުން ކުރުމުގެ ފުރުސަތު ގަތަރަށް ތަނަވަސް ކޮށްދީފައެވެ.
ގަތަރާއި ގަލްފްގެ އަރަބި ގައުމުތަކާއި އުފެދުނު މައްސަލައެއްގައި ގަތަރާ ކުއްލިއަކަށް ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.