ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 12:23
އެންޑްރިއާސް ޕެރެއިރާ
އެންޑްރިއާސް ޕެރެއިރާ
ރާއްޖެއެމްވީ
ޕެރެއިރާގެ ކުރިމަގު
ޕެރެއިރާ ބޭނުންވަނީ ފްލަމެންގޯގައި މަޑުކުރަން، އެކަމަކު ގޮތް ނިންމާނީ ޔުނައިޓެޑުން
 
މުސްތަގުބަލާމެދު ގޮތް ނިންމުމުގެ ބާރު އޮތީ އޭނާ އަށް ނޫން، ޔުނައިޓެޑަށް

ބޭނުންވަނީ ކުލަބުގައި މަޑުކުރަން ކަމަށް ފްލަމެންގޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު އެންޑްރިއާސް ޕެރެއިރާ ބުނެފިއެވެ.

ޕެރެއިރާ ފްލަމެންގޯއަށް ކުޅެމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. 2014 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ސީނިއަރ ކެރިއަރު ފެށި ޕެރެއިރާ ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ހަތަރު ކުލަބަކަށް ކުޅެފައެވެ. ޕެރެއިރާ ވަނީ ޔުނައިޓެޑަށް 75 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހައިދީފައެވެ. ލޯނު އެއްބަސްވުމުގެ ދަށުން އޭނާ އެންމެ ފުރަތަމަ 2016 ވަނަ އަހަރު ބަދަލުވީ ގްރަނަޑާއަށެވެ. އެ ކުލަބުގައި އެއް އަހަރު ހޭދަކުރުމަސްފަހު 2017 ވަނަ އަހަރު ބަދަލުވީ ވެލެންސިއާއަށެވެ. އޭގެ ފަހުން ލާޒިއޯއަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭނާ އެ ޓީމު ދޫކޮށް ފްލަމެންގޯއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ.

ޕެރެއިރާ ވަނީ ފްލަމެންގޯއަށް ކުޅެދިން 52 މެޗުގައި ހަތް ލަނޑު ޖަހާފައެވެ. އޭނާ ބުނީ މުސްތަގުބަލާމެދު ގޮތް ނިންމުމުގެ ބާރު އޮތީ އޭނާ އަށް ނޫން ކަމަށާއި، އެ ބާރު އޮތީ ޔުނައިޓެޑަށް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ފްލަމެންގޯގައި މަޑު ކުރަން ބޭނުންވާ ކަމަށާއި، އޭނާއަށް އަދި ކުލަބަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯވެސް ބަލާނެކަމަށެވެ. އެކަމާ ބެހޭ ގޮތުން ވަރަށް އަވަހަށް މަޝްވަރާކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ 26 އަހަރުގެ ޕެރެއިރާ ވަނީ ގައުމީ ޓީމާއެކު މިހާތަނަށް އެންމެ މެޗެއް ކުޅެފައެވެ. އޭނާ ގައުމީ ޓީމަށް ނަގާފައިވަނީ 2018 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް