ކ. މާލެ
|
29 ޖޫން 2022 | ބުދަ 18:53
ނޭމާއާއި ތިއާގޯ ސިލްވާ
ނޭމާއާއި ތިއާގޯ ސިލްވާ
-
ސަމަރ ޓްރާންސްފަރ
ތިއާގޯ ސިލްވާ ބޭނުންވަނީ ނޭމާ ޗެލްސީއަށް ގެންދަން
ރިޕޯޓުތައް ބުނާގޮތުން، ނޭމާ ވިއްކާލަން ޕީއެސްޖީން އެއްބަސްވާނީ 100 މިލިއަން ޑޮލަރަށް
ނޭމާ ބޭނުންވަނީ ޕީއެސްޖީ ދޫކޮށްލަން

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޗެލްސީއަށް ބަދަލުވާންޖެހޭކަމަށް ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފިއެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚިލާފީ ދާދި ފަހުން ނޭމާއާ ގުޅޭގޮތުން ދެއްކި ވާހަކަތަކާއެކު ދެފަރާތުގެ ގުޅުން ވަނީ ހީނަރުވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާރު ނޭމާ ބޭނުންވަނީ ޕީއެސްޖީ ދޫކޮށްލަން ކަމަށްވެސް ބޭރުގެ މީީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ދަނޑިވަޅުގައި ނޭމާއަށް ފާރަލަމުން އަންނަ އެއް ކްލަބަކީ ޗެލްސީއެވެ. ނޭމާ ޗެލްސީއަށް ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޕީއެސްޖީގައި ހުރުމަށްފަހު ޗެލްސީއަށް ބަދަލުވި ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާއެވެ.

މީގެ ކުރިން ޕީއެސްޖީގެ ކެޕްޓަންކަންވެސް ކޮށްފައިވާ ސިލްވާ ބުނީ 8 އަހަރު ޓީމުގެ ކެޕްޓަންގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދިނަމަވެސް ޕީއެސްޖީން އޭނާގެ އަގު ވަޒަންނުކުރާ ކަމަށެވެ. އަދި އޭނާއަށް ރަނގަޅު ފެއާރވެލްއެއް ދޭން ޕީއެސްޖީއަށް ތިން މަސް ލިބުނު ކަމަށާއި، ނަމަވެސް އެއްވެސް ކަމެއް ނުކުރާކަމަށް ސިލްވާ ބުންޏެވެ. ސިލްވާގެ އިތުރުން ޓީމުގައި މުހިންމު ދައުރެއް އަދާކުރި އެޑިސަން ކަވާނީއާ ދޭތެރޭގައިވެސް ޕީއެސްޖީން ކަންތައްކުރީ ހަމަ އެގޮތަށްކަން ސިލްވާ ފާހަގަކުރިއެވެ.

ނޭމާއާ ޕީއެސްޖީގެ ގުޅުން ހީނަރުވެ ޓީމު ދޫކޮށްލަން ނޭމާ ބޭނުންވާއިރު، ޔުވެންޓަސްއިންވެސް އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުވެންޓަސްއާ ނޭމާ މަޝްވަރާކޮށްފައިވާކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސިލްވާ ބުނީ ނޭމާއަށް މިހާރު އެންމެ ރަނގަޅަށް ކުރެވޭނެ ކަމަކީ ޗެލްސީއަށް ބަދަލުވުން ކަމަށެވެ. އަދި ނޭމާ ޗެލްސީއަށް ބަދަލުވުމުގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްދިއުމަކީ ސިލްވާގެ އުންމީދުކަމަށް އޭނާ ބުންޏެވެ.

ބާސެލޯނާގައި ހުރުމަށްފަހު 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯގެ ރެކޯޑު އަގަކަށެވެ. ޕީއެސްޖީއާއެކު ނޭމާ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާގޮތުން ނޭމާ ވިއްކާލަން ޕީއެސްޖީން އެއްބަސްވާނީ 100 މިލިއަން ޑޮލަރަށެވެ.

- ކޮމެންޓް