ކ. މާލެ
|
29 ޖޫން 2022 | ބުދަ 11:25
ބިދޭސީ ކުޅުންތެރިއެއްގެ އެޓޭކެއް ހުޒާމްއާއި ޔޫސުފް ބްލޮކް ކުރަނީ
ބިދޭސީ ކުޅުންތެރިއެއްގެ އެޓޭކެއް ހުޒާމްއާއި ޔޫސުފް ބްލޮކް ކުރަނީ
އަދަދު
ވޮލީބޯޅަ ފޯމެޓަށް ގެނައި ބަދަލު
ވޮލީބޯޅަ ފޯމެޓް އޮތްގޮތުން ޤައުމީ ޓީމަށް ފައިދާކުރާނެކަން ޔަޤީން - ނަދީމް ކޯޗު
 
ޤައުމީ ޓީމަށް މިއަހަރު އޮތީ ސެންޓްރަލް ޒޯން މުބާރާތް

ރާއްޖޭގެ ވޮލީބޯޅަ މުބާރާތްތަކުގެ ފޯމެޓް އޮތް ގޮތުންނާއި, މުބާރާތްތަކުގައި ވާދަކުރާ ބިދޭސީ ކުޅުންތެރިންގެ ސަބަބުން ޤައުމީ ވޮލީޓީމަށް ފައިދާކުރާނެކަން "ޔަޤީން" ކަމަށް ކޯޗު މުޙައްމަދު ނަދީމް ބުނެފިއެވެ.

ކޮންމެ ޓީމަކަށް ބިދޭސީ ތިން ކުޅުންތެރިން ދީގެން ކުޅޭގޮތަށް ގެނައި ބަދަލާއި, އެބަދަލާއެކު ނިމުނު ފުރަތަމަ މުބާރާތުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ކުރީގެ ކުޅުންތެރިޔާ ނަދީމް ބުނީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ ޤައުމީ ޓީމަށް ވަރަށް ބޮޑަތި ކުރިއެރުންތަކެއް އަންނާނެކަމަށެވެ. އަދި އެބަދަލުން ޤައުމީ ޓީމަސް ފައިދާކުރާނެކަން ޔަޤީންކަމަށެވެ. ނަދީމް ބުނީ އެސޯސިއޭޝަން ކަޕް ނިމުނުއިރުވެސް ދިވެހި ކުޅުންތެރިންގެ ފަރާތުން ބޮޑަތި ކުރިއެރުންތަކެއް ފެނިއްޖެކަމަށެވެ. އޭގެތެރޭގައި ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުރިއެރުންވެސް ނަދީމް ފާހަގަކުރިއެވެ.

މިސާލަކަށް މުބާރާތް ފެށިއިރު ފެނުނު ވަރަށް ޒުވާން ލިބަރޯއެއް. މުބާރާތް މަޑުމަޑުން ކުރިއަށްދިޔަޔަވަރަކަށް އެކުދިންގެ ލޯހުޅުވި ރިއެކްޝަން ރަނގަޅުވެ, ކޮންފިޑެންސާ އެއްކޮށް ބޯޅަތައް ރިސީވްކުރުމާއި, ބިދޭސީ ކުޅުންތެރިން ކުރާ ޖަމްޕް ސާވިސް ވަރަށް އިތުބާރާއެކު ރިސީވްކުރިތަން ހަމަ ގިނަ ލިބަރޯއިންގެ ފަރާތުން ފެނުނު.
މުޙައްމަދު ނަދީމް/ ވޮލީބޯޅަ ކޯޗު

އެހެން މަޤާމުތަކަށް ކުޅޭ ކުޅުންތެރިންގެ ފަރާތުންވެސް ކުރިއެރުންތައް ފެނުނުކަން ފާހަގަކުރަމުން ނަދީމް ބުނީ ފައިރޫޒްމެންކަހަލަ އަޅުގަނޑުމެންގެ ސެންޓަރ ބްލޮކަރުން ބިދޭސީ ކުޅުންތެރިންގެ ސްޕައިކްތައް އިތުބާރާއެކު ބްލޮކްކުރާކަމަށެވެ. މުބާރާތް ކުރިއަށްދިޔަވަރަކަށް ބިދޭސީ ސެޓަރުންނާއެއްކޮށް ފައިރޫޒްމެން މީގެކުރިން އެއްގޮތަކަށްވެސް ސްޕައިކް ނުކުރާވަރަށް މެދުން ސްޕައިކް ކޮށްފަހުރިކަންވެސް ނަދީމް ފާހަގަކުރިއެވެ.

 

އެހެންވީމާ މިފެންނަނީ ކޮންފިޑެންސާއި, ޓީމް ވޯކާއި މިލިބުނު ހިތްވަރުގެ ސަބަބުން މިއައި ބަދަލުހެން އަޅުގަނޑަށް ހީވަނީ.
މުޙައްމަދު ނަދީމް/ ވޮލީބޯޅަ ކޯޗު

އެސޯސިއޭޝަން ކަޕަށްފަހު މިހާރު ކުރިއަށްދަނީ ޤައުމީ ވޮލީބޯޅަ ލީގެވެ. އޭގެފަހުން ޤައުމީ މުބާރާތް އޮންނާނެއެވެ. ތިން މުބާރާތުގައިވެސް ބިދޭސީ ކުޅުންތެރިން ޓީމްތަކުގައި ކުޅޭނެއެވެ. ޤައުމީ ޓީމަށް މިއަހަރު އޮތީ ޑިސެމްބަރު މަހު އޮންނަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތެވެ. އެސޯސިއޭޝަނުންވެސް ޤަބޫލުކުރަނީ ރާއްޖެއިން ބޭރުގެ ޓްރެއިނިންގ ކޭމްޕަކަށްވުރެ މިމުބާރާތުން ޤައުމީ ޓީމަށް ކުރާ ފައިދާއާއި, ލިބޭ ކުރިއެރުން ބޮޑުވާނެކަމަށެވެ. ޤައުމީ ޓީމްގެ ކުރީގެ ކޯޗު އަދި ކެޕްޓަން މުޙައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް