އަދުގެ ހަލަބޮލި ދުނިޔެއަކީ ކޮންމެ ވަގުތަކުވެސް އާދަޔާ ހިލާފު އެތައް ޚަބަރެއް ލޯ ކުރިމަތީގައި ހާމަވެގެންދާ ވަގުތެކެވެ. ހިތް ނުވަނަވަސް ކުރަނިވި އެތައް މަންޒަރަކުން ޚަބަރުތަކުގެ ފަލަ ސުރުޚީތައް ފުރަމުންދާއިރު، އުއްމީދީ އުޖާލާ ދޯދިތަކުން ހިތް ފުރާލަދޭ އެތައް ކަމެއްވެސް ހިނގައެވެ.
އުމުރުން 68 އަހަރުގެ ރުޤައްޔާ ޠާލިބަކީ އަމަލީ ގޮތުން މައިދާނަށް ނުކުމެ، ދާއިރާގައި ހަރަކާތްތެރި ނޫސްވެރިއެކެވެ. އޭނާ އެކަން ކުރަނީ ފަހަރެއްގައިވެސް ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް، ހަތަރެސްފައިގެ ވާގި ނެތިފައިވާ އޭނާގެ ދަރިފުޅުގެ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖައްސާދިނުމުގެ އަޒުމުގައެވެ.
ރުޤައްޔާގެ 32 އަހަރުގެ ދަރިފުޅު، ޢަލީ އަލް-މަޙްމޫދު ޕެރަލައިޒްވީ އެ ދަރިފުޅުގެ އުމުރުން އެންމެ 8 މަހުގައެވެ. އޭރު ސަރުކާރުގައި ވަޒީފާ އަދާ ކުރަމުން ދިޔަ ރުޤައްޔާ، އެ ވަޒީފާ ދޫކޮށްލީ، ދަރިފުޅު ބެލުމަށް ހުރިހާ ވަގުތެއް ހުސް ކުރުމަށެވެ. ހުރިހާ ގޮތަކުންވެސް ދަރިފުޅަށް ބޭނުންވާ އެހީތެރިކަން އެންމެ ގާތުން ފޯރުކޮށްދިނުމަށެވެ. ހާއްސަ އެހީއަކަށް ބޭނުންވި ކަމުގައި ވީ ނަމަވެސް އުނގެނުމާއި އެނޫންވެސް ހުނަރުތައް، ދަރިފުޅަށް ދަސްކޮށްދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ.
މަޙްމޫދުގެ ސްކޫލު ދައުރު ނިންމާލުމަށްފަހު އޭނާ ދެން ފެށީ ނޫސްވެރިކަމުގެ ރޮނގުން ތައުލީމު ހާސިލު ކުރާށެވެ. އޭރުވެސް ރުޤައްޔާ، އޭނާގެ ދަރިފުޅު ދޫކޮށެއް ނުލައެވެ. ދަރިފުޅާއެކު ހުރިހާ ލެކްޗަރަކަށް ހަޒިރުވިއެވެ. އަދި މަޙްމޫދުގެ ބައެއް ރައްޓެހިންނާއެކު އޭނާ ވެބްސައިޓް ހެދިއިރުވެސް އެންމެ ގާތުގައި ހުރީ ރުޤައްޔާއެވެ.
އޭނާގެ ހުރިހާ ކަމެއްގައިވެސް އަހަރެން އެހީވެދިނިން. ޔުނިވާސިޓީއަށް ދިޔައިރުވެސް އޭނާ ގެންދަނީ އަހަރެން. ހުރިހާ ލެކްޗަރެއްގައިވެސް އަހަރެން ބައިވެރިވަން. އެކަމަކު، އިމްތިހާން ހޯލަށް ވަނަކަ ނުދޭ އެމީހުން، އެހެންވެ އަހަރެން އިންނަނީ ބޭރުގަ، އޭނާއަށް ހެޔޮ ގޮތް ވާން އެދި ދުޢާކޮށްލަކޮށްލާރުޤައްޔާ ޠާލިބު؛ ސޫރިޔާގެ މައެއް
ތަފާތު އެކި އިވެންޓްތަކާއި ބައްދަލުވުންތައް ކަވަރު ކުރުމުގެ އަމަލީ މަސައްކަތްވެސް ރުޤައްޔާ ފެށިއެވެ. ދަރިފުޅަށް އެހީވުމުގެ ގޮތުންނެވެ. އަދި ކިތަންމެ ތަކުލީފު ބޮޑުވި ކަމުގައި ވީ ނަމަވެސް، އެޑިޓް ކުރުމުގެ މަސައްކަތް ދަސްކުރަންވެސް ރުޤައްޔާ މަސައްކަތް ކުރިއެވެ.
ޢަލީ (އަލް-މަޙްމޫދު) އެޑިޓް ކުރާއިރު ބަލަން އިނަސް، އެޑިޓް ކުރުމަކީ އުނދަގޫ ކަމެއް. އޭނަ މަސައްކަތް ކުރާތަން އަހަރެން ގާތުން ބަލަން، އެކަމަކު، އެމީހުން ބުނާހެން، އުމުރުން ދުވަސްވުމުގެ ކަންތައް މީރުޤައްޔާ ޠާލިބު؛ ސޫރިޔާގެ މައެއް
ރުޤައްޔާގެ އިތުރު ފިރިހެން ދަރިއަކު ހުއްޓެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން އެ ދަރިފުޅު މި ދުނިޔެއާ ވަކިވީ މަޙްމޫދުވެސް ތަހައްމަލު ކުރަމުންދާ ތަކުލީފުތަކާއެކުގައެވެ. ރުޤައްޔާގެ ފިރިމީހާ މަރުވީ މީގެ 6 މަސް ކުރިންނެވެ. އެހެން ކަމުން، މިއަދު މަޙްމޫދުގެ ހުރި ހަމައެކަނި މީހަކީ އޭނާގެ މަންމައެވެ.
އެއީ މިއަދު ރުޤައްޔާވެސް އެންމެ ހިތް ނުތަނަވަސްވާ ކަންތަކެވެ. އޭނާ މަރުވާ ދުވަހަކުން ދަރިފުޅު އެކަނިވެރިވާނެ ވަރު ހިތަށް އަރާފައެވެ.
މަޙްމޫދުގެ އުއްމީދުތައް ގުޅިފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ނޫސްވެރިއަކަށް ވުމަށެވެ. ރުޤައްޔާ ހުރީ މާތް ﷲގެ ވާގިފުޅާއެކު، ދަރިފުޅުގެ އެ ހުވަފެންވެސް ޙަޤީޤަތަކަށް ހަދާދޭން އަތުކުރި އޮޅާލައިގެންނެވެ. ދަރިފުޅުގެ އުއްމީދުތައް ހާސިލު ކުރުމަށް އެ މަންމަ ކުރިއަށް ދަނީ، ދަރިފުޅުގެ ހަތަރެސްފައިގައި ވާގިނެތަސް، މަންމަގެ ލޯބިން ޒަރެއްގެ މިންވަރުވެސް އެ ދަރިފުޅަށް އުނި ނުވާނެ ކަން ސާބިތުކޮށްދެމުންނެވެ.