ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 18:05
ވޮލީކޯޗު މުހައްމަދު ނަދީމް
ވޮލީކޯޗު މުހައްމަދު ނަދީމް
ވޮލީ މުބާރާތްތަކަށް ގެނައި ބަދަލު
ވޮލީ މުބާރާތްތަކުގެ ފޯމެޓަށް ގެނައި ބަދަލު ފެނުނީ ރަނގަޅަށް - ނަދީމް
 
ދިވެހި ކުޅުންތެރިންގެ ފަރާތުން ކުރިއެރުމާއި އިތުބާރު ފާހަގަވޭ

ކޮންމެ ކްލަބަކަށް ބިދޭސީ މޮޅު ތިން ކުޅުންތެރިން ދީގެން ގެނައި ބަދަލު ފެންނަނީ ރަނގަޅު ބަދަލެއްގެގޮތުގައި ކަމަށް، މަޝްހޫރު ކޯޗު އަދި ކުރީގެ ވޮލީކުޅުންތެރިޔާ މުހައްމަދު ނަދީމް ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަމުން ނަދީމް ބުނީ އެސޯސިއޭޝަންކަޕަށް ބަލާއިރުވެސް، އަދި މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގަށް ބަލާއިރުވެސް އެބަދަލުގެ ފައިދާ ފާހަގަކުރެވޭކަމަށެވެ. ކޮވިޑާގުޅިގެން ހުއްޓިފައި އޮތް މުބާރާތްތައް އަލުން ފެށިއިރު ގެނައި ބޮޑު ބަދަލުގެ ސަބަބުން ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތައް ފެންނަކަމަށާއި, އިތުބާރާއެކު ދިވެހި ކުޅުންތެރިން ކުޅެމުންދާކަން ނަދީމް ފާހަގަކުރިއެވެ. ނަދީމް ބުނީ މުބާރާތުގައި ކުޅޭ ބިދޭސީ ކުޅުންތެރިންނަކީ ދިވެހި ކުޅުންޔެރިންނަށް ތަޖުރިބާ ހޯދަންވެސް އަދި ކުރިއެރުން ހޯދަންވެސް އެކަށީގެންވާ ރަނގަޅު ކުޅުންތެރިންތަކެއް ކަމަށެވެ. އެކުޅުންތެރިންގެ ފަރާތުން ތަފާތުގިނަ ކަންތައްތަކެއް ފެނިގެންދާކަމަށާއި, ޕޮޒިޓިވް ވަރަށްގިނަ ކަންތައްތައް ފާހަގަކުރެވޭކަމަށެވެ. އެސޯސިއޭޝަންކަޕް ނިމުނުއިރު ދިވެހި ކުޅުންތެރިންގެ ފަރާތުންވެސް ޕޮޒިޓިވް ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ނަދީމް ބުންޏެވެ.

ކުޅުންތެރިންގެ ކުރިއެރުމަށް ބެލިކަމުގަވިޔަސް ވަރަށް ބޮޑެތި ކުރިއެރުން ލިބިފަ އެބަހުރި. ޚާއްސަކޮށް ރާއްޖޭގެ ލީޑްކުރާ ކީ ޕްލޭޔަރުންގެ ތެރެއިން، ޝާހު ވިޔަސް, ހުޒާމް ވިޔަސް, ނިލާމްވިޔަސް. ސީނިއަރ ކުޅުންތެރިންނަށް ބަލާއިރު, ފައިރޫޒަށް ބެލިނަމަވެސް އާ ޒުވާން ކުޅުންތެރިންތަކެއްވެސް އެބަ ކުޅޭ. އެކުޅުންތެރިންގެ ފަރާތުން ކުރިއެރުމާ ކޮންފިޑެންސް ފެނުނު.
މުހައްމަދު ނަދީމް/ ވޮލީ ކޯޗެއް

ކުޅުންތެރިންގެ އިތުރުން ޓީމްތަކުގެ ކޯޗުންނަށްވެސް ކުރިއެރުންތަކެއް ލިބިފައިވާކަން ނަދީމް ފާހަގަކުރިއެވެ. މިކަހަލަ ހައިލެވެލް ކުޅުންތެރިންތަކެއް މެނޭޖްކުރަން ޢާއްމުގޮތެއްގައި ދިވެހި ކޯޗުންނަށް ނުލިބޭކަން ފާހަގަކުރަމުން ނަދީމް ބުނީ، މީގެކުރިން ދިވެހި ކޯޗުންނަށް ފުރުސަތު ލިބެނީ ވަރަށް މޮޅު އެއް ކުޅުންތެރިއަކު މެނޭޖްކުރަން ކަމަށެވެ. އަދި އާއްމުކޮށް މުބާރާތުގައި ހުންނަނީވެސް ވަރަށް މޮޅު އެއް ކުޅުންތެރިއެއް ކަމަށާއި, މޮޅު ގިނަ ކުޅުންތެރިންތަކަކާއެކު ވާދަވެރިކޮށް ކުޅެން ލިބުން އެއީވެސް ވަރަށްބޮޑު އެޑްވާންޓޭޖެއްކަން ނަދީމް ފާހަގަކުރިއެވެ.

މިފޯމެޓަކީ ވަރަށް ކާމިޔާބު ފޯމެޓެއް ގޮތުގަ އަޅުގަނޑު ގަބޫލުކުރަނީ. މިބަދަލަކީ މިވަގުތަށް ރާއްޖެއަށް ގެންނަން ހަމަ ވަރަށް މުހިއްމު ބަދަލެއް. ކްލަބްތައް ބާރުވެރިކުރުމާ, ސިސްޓަމެޓިކްކޮށް ހިންގުމަށްވެސް ވަރަށްބޮޑު ފުރުސަތެއް މިއޮތީ ލިބިފަ.
މުހައްމަދު ނަދީމް/ ވޮލީ ކޯޗެއް

ކްލަބްތައް ބާރުވެރިވުމުގެ ވާހަކައިން ނަދީމް ފާހަގަކުރެއްވީ، އެސޯސިއޭޝަނުން ބިދޭސީ ކުޅުންތެރިން ދިނުމާއި, އަދި ކޮންމެ ޓީމަކަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައިވާކަމެވެ. އެސޯސިއޭޝަންކަޕާއި, މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގާއި, ގައުމީ މުބާރާތްވެސް ކުރިއަށްދާނީ އެސޯސިއޭޝަނުން ކޮންމެ ޓީމަކަށް ދިން އިންޑިޔާ ތިން ކުޅުންތެރިންނާއެކުއެވެ. ނަމަވެސް ދެޓީމެއްގެ ދެ ކުޅުންތެރިއަކަށް އަނިޔާވެފައިވާތީ އެދެޓީމުގައި ތިބޭނީ ދެ ކުޅުންތެރިންނެވެ. އެހާލަތުގައި އެހެން ކުޅުންތެރިއަކު ގެނައުމުގެ ފުރުސަތެއް ގަވާއިދުގައިވާ ގޮތުން ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް