ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 11:00
މިނިސްޓަރު މަޚުލޫފާއި ސުވާލު ކުރުމުގެ ތެރެއިން
މިނިސްޓަރު މަޚުލޫފާއި ސުވާލު ކުރުމުގެ ތެރެއިން
-
މިނިސްޓަރު މަޚުލޫފްއާ ސުވާލުކުރުން
ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލޭ ޓްރެކުގައި އޮތް ދަނޑަށް ބަދަލުކޮށްފައި: މަޚްލޫފް
 
އެކަން ކުރުމަށް ހިނގާނެ ހަރަދު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން

ގަލޮޅު ރަސްމީ ދަނޑު ތަރައްޤީކުރުމަށް އެ ދަނޑު ތަޅާލާނީ ހުޅުމާލޭ ޓްރެކުގައި އޮތް ދަނޑު ތަރައްޤީކޮށް، އެތަނަށް ބަދަލުކުރުމަށްފަހު ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީގުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ނިޔާޒު ކުރެއްވި ސުވާލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނައިރު، އެ ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ގެންގުއްވާ ވިސްނުންފުޅަކީ ކޮބައިތޯއެވެ. ނުވަތަ ވަގުތީ ގޮތުން ނަމަވެސް، އެ ސަރަހައްދުގައި ކަސްރަތުކުރުން ކަހަލަ ކަންކަން ކުރުމަށް ރޭވިފައި އޮތް ގޮތަކީ ކޮބައިތޯއެވެ. ފޭސް އެކެއްގައި ބޭނުންކުރާ ދަނޑުތައް އަވަހަށް ހަލާކުވެ، މަރާމާތު ނުކުރެވޭ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވެސް މެމްބަރު ނިޔާޒު ވިދާޅުވިއެވެ. ތިން ވަނަ ސުވާލެއްގެ ގޮތުހައި މެމްބަރު ނިޔާޒް ކުރެއްވި ސުވާލަކީ ގަލޮޅު ރަސްމީ ދަނޑު މަރާމާތަށް ބަންދުކުރާއިރު، ބެކަޕް ޕެލޭނަކަށް އޮތީ ހުޅުމާލޭ ދަނޑުތޯ ނުވަތަ ވިލިނގިލީ ދަނޑުތޯއެވެ. އަދި އެއީ ހުޅުމާލޭ ދަނޑު ކަމަށްވާ ނަމަ ގަލޮޅު ދަނޑުގެ މަސައްކަތް ފަށަންވާއިރަށް، ހުޅުމާލޭ ދަނޑު ތައްޔާރުވާނެތޯއެވެ.

ޖަވާބުގައި މިނިސްޓަރު މަޚްލޫފް ވިދާޅުވީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ގިނަ ބަޔަކު އާބާދުވަމުން އަންނާތީ، މިނިސްޓްރީގެ މިވަގުތުގެ އަމަލީ މަސައްކަތަކީ ދެ ވަނަ ފިޔަވަހިން ހިޔާ ފްލެޓެއްގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ތަނުން ޖގަ ލިބުނުހާ އަވަހަކަށް އެ ސެޓަޕް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެެ އިތުރުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހުޅުމާލޭގެ ވަރަށް ގިނަ ކަންކަން ހިމެނޭތޯ މަސައްކަތް ކުރާ ކަމަށެވެ. އޭގެ ތެރޭގައި އައުޓް ޑޯ ވޮލީ ކޯޓު އައުޑް ޑޯ ހޭންޑް ބޯލް ކޯޓު ކަހަލަ ކުޅިވަރުތައް ހިމެނޭނެ ކަމަށެވެ. އަދި ފޭސް އެކެއްގައި އިންޑޯ ބެޓްމިންޓަން ކޯޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ ކުރެހުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފައިނަލް ކުރެވޭވަރު ވާނެ ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލޭ ޓްރެކުގައި އޮތް ދަނޑު ތަރައްޤީކުރުމަށްފަހު ކަމަށެވެ.

ގަލޮޚު ދަނޑު އަޅުގަނޑުމެން ތަޅާލާނީ، ހުޅުމާލޭގެ ޓްރެކުގައި އެ އޮތް ދަނޑަށް ބަދަލުކޮށްފައި. އެކަން ކުރަން އެކަމަށް ހިނގާނެ ހަރަދު ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. އެތަނަށް ލައިޓުވެސް ބޭނުންވާނެ، އަދި ހަމަ އެހެންމެ އެތަނުގެ ވިނަގަނޑު ވެސް އެބަޖެހޭ ރަނގަޅު ޕިޗެއް ހަދަން. އެހެންވިީމާ އެ ހަރަދު ބަލާފަ، އެ މަސައްކަތް ނިމުނީމަ އަޅުގަނޑުމެންނަށް ގަލޮޅު ދަނޑުގެ އެންމެ ސިޑިބަރިއެއް ވެސް ތަޅާލެވޭނީ. އަޅުގަނޑު އުންމީދުކުރަނީ އެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ހަވާލުކޮށްލެވޭނެ ކަމަށް.
އަޙުމަދު މަޚްލޫފް / ޔޫތު މިނިސްޓަރު

އިންޑިއާ ސަރުކާރުގެ އެލްއޯސީގެ ދަށުން މިހާރު ބޭނުން ކުރަމުންދާ ގަލޮޅު ރަސްމީ ދަނޑު ތަޅާލުމަށްފަހު، ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އާ ދަނޑުގެ ހިތްގައިމު ކުރެހުންތައް ވެސް މިހާރު ވަނީ ދައްކާލާފައެވެ. އެ ދަނޑުގެ ޖާގައަކީ ގާތް ގަނޑަކަށް 11،500 މީހުންގެ ޖާގައިގެ ދަނޑަކަށް ވާނެ ކަމަށް މިނިސްޓަރު މަޚްލޫފް ވިދާޅުވެފައިވެއެވެ.  މި ދަނޑުގެ ޖުމުލަ ޚަރަދުގެ ގޮތުގައި ގާތް ގަނޑަކަށް 18 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް