ކ. މާލެ
|
27 ޖޫން 2022 | ހޯމަ 23:10
ތެޔޮގަތުމަށް ދިގު ކިއުތައް ހަދައިގެން ނުތިބުމަށް ސަރުކާރުންވަނީ އިލްތިމާސް ކޮށްފަ
ތެޔޮގަތުމަށް ދިގު ކިއުތައް ހަދައިގެން ނުތިބުމަށް ސަރުކާރުންވަނީ އިލްތިމާސް ކޮށްފަ
ރޮއިޓާރސް
ލަންކާގެ އިގްތިސާދީ ކާރިސާ
ލަންކާގައި ދެން ތެޔޮ ދޫކުރާނީ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެކަނި
އެހެން އޮޕަރޭޝަންތައް ވަގުތީ ގޮތުން ސަސްޕެންޑް ކުރާނެ

ސްރީލަންކާގައި ހޯމަދުވަހުގެ ރެއިން ފެށިގެން ތެޔޮ ދޫކުރާނީ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެކަނި ކަމަށް އެގައުމުގައި އިއުލާންކޮށްފި އެވެ.

ހޯމަ ދުވަހު އެ ޤައުމުގެ ސަރުކާރުން ބުނީ މިގެނެވުނު ބަދަލުގެ ދަށުން މިރޭ ދަންވަރު 12ގަޑި ސުންމިނެޓުން ފެށިގެން ޖުލައި މަހުގެ10 ވަނަ ދުވަހާއި ހަމައަށް ތެޔޮ ދޫކުރާނީ ހަމައެކަނި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށާ އެހެން އޮޕަރޭޝަންތައް ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެެވެ.

ލަންކާގެ ކެބިނެޓްގެ ސްޕޯކްސްޕާސަން ވިދާޅުވީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ޕެޓްރޯލާއި ޑީސަލް ދޫކުރެވިގެންދާނީ ސިއްހީ، ޑިފެންސް، ޕަވަރ އެންޑް އެކްސްޕޯޓް ސެކްޓަރތަކަށް އެކަނި ކަމަށެވެ. އަދި އެހެން ސެކްޓަރތަކުގައި މަަސައްކަތް ކުރާ މީހުން ގޭގައި ތިބިގެން މަސައްކަތް ކުރުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާއަށް އެހީވުމަށް ބޭނުންވާ ތެލާއި، ކާނާއާއި، ގަސް ކާނާ އަދި ބޭސް ފޯރުކޮށްދިނުމަށް އިންޑިއާއިން އެހީގެ ގޮތުގައި ކްރެޑިޓް ލައިން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ކުރުމަށް އިންޑިއާގެ މަންދޫބުންގެ ޓީމެއް ލަންކާއަށް ގޮސްފައިވާއިރު މައިގަޑު ބޭނުމަކަށްވާނީ އިތުރު ކްރެޑިޓް ލައިނެއް ހޯދުމެވެ. މީގެ އިތުރުން އަގުހެޔޮކޮން ތެޔޮގަންނަންލިބޭތޯ ބެލުމަށް ލަންކާގެ މިނިސްޓަރުންގެ ވަފުދެއް ރަޝިޔާ އަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަންކާ ސަރުކާރުން ތެޔޮކޮންޓްރޯލް ކުރަން ނިންމާފައިވާއިރު އެ ޤައުމުގައި ޕެޓްރޯލް ލީޓަރެއްގެ އަގު އިންތިހާއަށް ވަނީ ބޮޑުކޮށްފައެވެ. ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން އާދިއްތަ ދުވަހު ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލް ލީޓަރެއްގެ އަގު 550 ރުޕީސްއަށް ބޮޑުކޮށްފައިވާ ކަމަށެވެ. އެއީ ލީޓަރަކަށް 1.52 ޑޮލަރެވެ. މިިއީ 22 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޕެޓްރޯލްގެ އަގު ބޮޑުކޮށްފައިވަނީ ޕެޓްރޯލް ލީޓަރެއް 460 ރުޕީސްއަށް ވިއްކުމަށް ފަހުއެވެ. އެއީ ލީޓަރަކަށް 1.27 ޑޮލަރެވެ. ލަންކާގައި ޕެޓްރޯލްގެ އަގު ބޮޑުކޮށްފައިވަނީ އެގައުމަށް ތެޔޮ ޝިޕްމެޓް ލިބުން ލަސްވާނެ ކަމަށް އެނަރޖީ މިނިސްޓަރ ކަންޗަނާ ވިޖެސެކެރާ ހާމަކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. އޭނާ ވިދާޅުވީ "ބޭންކިން" ސަބަބުތަކަކާހުރެ ތެޔޮ ޝިޕްމެންޓް ލިބުން ލަސްވެފައިވާ ކަމަށެވެ.

އޭނާ ވަނީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގެން، ފިއުލް ސްޓޭޝަންތަކުގެ ބޭރުގައި ކިއޫ ހަދައިގެން ނުތިބުމަށް އިލްތިމާސްކުރައްވާފައެވެ.

- ކޮމެންޓް