އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީގެ ޓެކްނިކަލް އެންޑް ޕާފޮމަންސް އެޑްވައިޒަރުގެ މަގާމުގައި ހުރި ޕީޓަ ޗެކް އެ މަގާމު ދޫކޮށްލަން ނިންމައިފިއެވެ.
ޗެކް އެ މަގާމަަށް ހަމަޖައްސާފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ. އޭނާ ވަނީ އެ މަގާމުގައި ހުރެ ޗެލްސީއަށް ލަފާ ދީފައެވެ. މީގެ އިތުރުން އޭނާ އަކީ ޗެލްސީގެ ފުޓުބޯޅަ ޓީމާއި އެކަޑެމީއާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށްދޭ ލިންކެެއްގެ ގޮތުގައި އެ ކުލަބުން ވަނީ ސިފަކޮށްފައެވެ.
މަގާމު ދޫކޮށްލަން ނިންމައި ޗެކް ބުނީ އެ މަގާމުގައި ފާއިތުވި ތިން އަހަރު ހުރެވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އޭނާ ބުނީ ކުލަބާ އައު ބައެއް ހަވާލުވުމާއެކު، މިއީ އޭނާ މަގާމުން ދުރަށް ޖެހިލަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. މީގެ އިތުރުން ޗެކް ބުނީ އައު ވެރިންނާއެކު މިހާރު ޗެލްސީ އޮތީ ރަނގަޅު ހިސާބެއްގައި ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ޗެކް ވަނީ މުސްތަގުބަލުގައި ދަނޑު މަތީގައިވެސް އަދި ދަނޑުން ބޭރުގައި ވެސް ޗެލްސީއަށް ކާމިޔާބަށް އެދޭކަމަށް ބުނެފައެވެ.
ޗެކް އޭނާގެ މަގާމު ދޫކޮށްލަން ނިންމުމާއި ގުޅިގެން ޗެލްސީގެ އައު އޯނަރު ޓޮޑް ބޮހްލީ ބުނީ، ޗެކް އަކީ ޗެލްސީގެ އާއިލާއަށް މުހިންމު ފަރާތެއް ކަމަށެވެ. އޭނާ ބުނީ ޗެކް މަގާމުން ވަކިވާން ނިންމި ނިންމުމަށް އިހްތިރާމްކުރާކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ އެ މަގާމުގައި ހުރެ ޗެކް ޗެލްސީއަށާއި ޗެލްސީގެ ކޮމިއުނިޓީއަށް ކޮށްދިން ޚިދުމަތަށް ޝުކުރު އާދަކޮށް، ޗެކްއަށް ކާމިޔާބަށް އެދިފައެވެ.
ޗެކް އަކީ ޗެލްސީގެ ލެޖެންޑްރީ ކީޕަރެކެވެ. އޭނާ ވަނީ 2004 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ޗެލްސީއަށް ކުޅެދީފައެވެ، ޗެލްސީއާއެކު ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ކުލަބަށް 494 މެޗު ކުޅެދީފައެވެ.