ކ. މާލެ
|
27 ޖޫން 2022 | ހޯމަ 21:40
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
ލަންކާއަށްވުރެ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ގޯސް؟
އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާން އަދި ތައިލެންޑު އަތުން ރާއްޖެ ބަލިވީ ލަންކާއަށްވުރެ ތަފާތު ބޮޑުކޮށް
ފޯ ނޭޝަންސް ކަޕްގައި ރާއްޖެއަށްވުރެ ލަންކާގެ ނަތީޖާ ރަނގަޅު

މިދިޔަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ފުޓްބޯޅައަށް އުއްމީދެއް ގެނުވި، ޚާއްޞަ މުބާރާތެކެވެ. އެއީ ހަމައެކަނި ރާއްޖޭގައި އެމުބާރާތް ބޭއްވީތީއެއް ނޫނެވެ. ދިވެހި ޓީމުގެ ކުޅުމުން އުއްމީދެއް ފެނުނީތީއެވެ. ދިވެހި ފުޓްބޯޅައިގެ މުސްތަޤްބަލެއް އޮތްކަން އިހުސާސްވީތީއެވެ. މުބާރާތުގެ ތަށި ކާމިޔާބު ނުކުރެވުނު ނަމަވެސް ދިވެހި ޓީމް ވަނީ ސާފް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދައްކާފައެވެ. ރާއްޖޭގެ ޓީމުގެ ކުދި ހަނި ޕާސްތައް ފާހަގަވީ ހަމައެކަނި ދިވެހީންނަކަށްވެސް ނޫނެވެ.

ދިވެހި ޓީމުގެ ފަރާތުން ރީތި ކުޅުމެއް ފެނުނު ނަމަވެސް މުބާރާތް ނިމުމާއެކު ޓީމަށް ކުރިމަތިލާން ޖެހުނީ ފާޑުކިއުންތަކާއެވެ. ލަނޑު ނުޖެހުމުގެ މައްސަލަ ދިމާވުމުންނެވެ. މޮޅު ނުވެވުނީމައެވެ. މުބާރާތުގެ ތަށި ކާމިޔާބު ނުކުރެވުމުންނެވެ.

އެމުބާރާތުގެ ނަތީޖާގެ ހިތްދަތިކަމުން އަރައިނުގަނެވެނީސް، އެކަން ބަދަލުކޮށް ދިވެހިންނަށް އުފާވެރިކަން ގެނެސްދޭން ޤައުމީ ޓީމަށް ފުރުޞަތު ލިބުނެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާގެ ހިތްދަތިކަމާއި، ކުޅުމުން ލިބުނު އުއްމީދަށް ފަނޑުކަމެއް ނާންނަނީހެވެ. ޤައުމީ ޓީމް ކުރިމަތިލީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕާއެވެ. އެ މުބާރާތުގައިވެސް ރާއްޖެއަށް ދިމާވީ އެއް މައްސަލަތަކެކެވެ. މުބާރާތުގެ ފުރަތަމަ މެޗު ލަންކާއާ ވާދަކޮށް އެއްވަރުވީ 4-4 ން ނެވެ. ދެވަނަ މެޗުގައި ބަނގްލަދޭޝްއާ ވާދަކޮށް 2-1ން ބަލިވުމުން ފައިނަލުގެ ޖާގައެއް ހޯދުމަށް ރާއްޖެއަށް އޮތް އަމިއްލަ ބާރު ކެނޑުނީއެވެ. އަދި ފަހު މެޗުގައި ސީޝެލްސްއާ ވާދަކޮށް އެއްވަރުވުމުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ނުލިބި އެމުބާރާތްވެސް ރާއްޖެއަށް ގެއްލުނީއެވެ. ފައިނަލުގައި ލަންކާ ބަލިކޮށް ތަށި ހޯދީ ސީޝެލްސްއެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން - އެފްއޭއެމް

ދެން އޮތީ ދާދި އިހަކަށް ދުވަހު ނިމުނު އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗުތަކެވެ. ކޮލިފިކޭޝަންގައިވެސް ރާއްޖެއާ ލަންކާ ވާދަކުރީ އެއް ގްރޫޕެއްގައެވެ. ކޮލިފިކޭޝަންގައި ދިވެހި ޓީމުން ލަންކާ ބަލިކުރިއެވެ. އެނބުރި ޤައުމަށް އައީ އެހިތްހަމަޖެހުމާއެކުވެ. ނަމަވެސް އެއީ ލަންކާއަށްވުރެ ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅޭ ބުނެވޭނެ ސަބަބެއް ނޫނެވެ. ކޮލިފިކޭޝަންގައި ދެން ކުޅުނު މެޗުތައް ހެއްކަކަށް ފުދެއެވެ.

ކޮލިފިކޭޝަންގައި އުޒްބެކިސްތާނު އަތުން 4-0 ން ރާއްޖެ ބަލިވިއެވެ. އުޒުބެކިސްތާން އަތުން ލަންކާ ބަލިވީ 3-0ންނެވެ. ތައިލެންޑު މެޗުގައިވެސް ކަންއޮތީ ހަމަ އެބީދައިންނެވެ. ތައިލެންޑު އަތުން 3-0ން ރާއްޖެ ބަލިވިއިރު، އެޓީމު ކައިރިން ލަންކާ ބަލިވީ 2-0ންނެވެ. މި މެޗުތައް ނިމުނުއިރު ލަންކާ އޮތީ ގްރޫޕުގެ ތިންވަނާގައެވެ. ރާއްޖެ އޮތީ ތާވަލުގެ ފުލުގައެވެ.

ރާއްޖެއާ ލަންކާއަކީ އަބަދުވެސް ސަރަހައްދީ ފުޓްބޯޅައިގައި ބައްދަލުކުރާ ދެޓީމެވެ. އެހެންކަމުން ހަގީގަތުގައި ދެޓީމުގެ ފެންވަރު ވަޒަންކޮށްލެވޭނީ ކޮލިފައިންގައި ދެން ކުޅުނު ދެ މެޗުންނެވެ. އެ ދެމެޗުގެ ނަތީޖާއަށް ބަލާނަމަ ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ލަންކާއަށްވުރެ ރަނގަޅޭ ބުނުމުގެ ފުރުސަތެއް އެބައޮތްތޯއެވެ؟

- ކޮމެންޓް