ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 14:19
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ވޯކްޝޮޕް
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ވޯކްޝޮޕް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
އިސްލާމިކް މިނިސްޓްރީގެ ވޯކްޝޮޕް
ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާބެހޭ މުއައްސަސާއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިމިއްޖެ
 
މި ވޯކްޝޮޕްގެ ސަބަބުން ދެމުއައްސަސާގެ ގުޅުމުގެ އިތުރުން ބައިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާވެ ވަރުގަދަވެގެން ދާނެ

ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ޤާއިމްވެފައިވާ ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާބެހޭ މުއައްސަސާއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދިޔަ ދައުރާ ވޯކްޝޮޕް ނިމިއްޖެއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ 24 ޖޫން އިން 25 ޖޫންއަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

މިވޯކްޝޮޕްގެ ނިންމުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލްއެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކައިގައި މިވޯކްޝޮޕްގެ ސަބަބުން ޢިލްމުވެރިންނާ މިސްކިތްތަކުގެ އިމާމުންނާއި ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެން ދިޔަކަމަށާއި، މުޖްތަމަޢަށް މިދިމާވާ ކަންކަމަށް ވަރަށް ބޮޑަށް މަޢުލޫމާތު ކަރުދާސްތަކުން އަލިއަޅުވާލެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ވޯކްޝޮޕެއް އިންތިޒާމުކުރެއްވިކަމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަށާއި، މިޞަރަހައްދުގައި ދީނީކަންކަން ކުރިއަށްގެންދާ ސަޢުދީ ޢަރަބިއްޔާގެ މުއައްސަސާގެ މުލްޙަޤު ދީނީއަށް ޝުކުރު ދެންނެވިއެވެ.

އަދި އިސްލާމިކް މިނިސްޓްރީއާއި މިޞަރަހައްދުގައި ދީނީކަންކަން ކުރިއަށް ގެންދާ ސަޢުދީ ޢަރަބިއްޔާގެ މުއައްސަސާއާއި ގުޅިގެން މިފަދަ އިތުރު ވޯކްޝޮޕްތައް ބޭއްވުމުގެ ފުރުޞަތު ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ދީނީ ކަންކަން ރާވާ ހިންގާވާ ފަރާތް ފަޟީލަތުއްޝައިޚް ބަދްރު ބިން ނާޞިރު އަލްޢިންޒީގެ ވާހަކަފުޅުގައި މި ވޯކްޝޮޕްގެ ސަބަބުން ދެމުއައްސަސާގެ ގުޅުމުގެ އިތުރުން ބައިވެރީންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާވެ ވަރުގަދަވެގެން ދާނެކަމަށް ވިދާޅުވިއެވެ.

ފަޟީލަތުއްޝައިޚް ބަދްރު ބިން ނާޞިރު އަލްޢިންޒީގެ ނައިބު، ފަޟީލަތުއްޝައިޚް ޢަބްދުއްލަޠީފް ޢަބްދުއްޞަމަދު އަލްކާތިބް މި ވޯކްޝޮޕް ނިންމުމުގެ ޖަލްސާގައި ވަނީ ރާއްޖެ އަމަންއަމާންކަންމަތީގައި ބޭއްވުމަށް ޞައްހަ ޢަޤީދާގެ މަތީގައި ދިވެހިން ތިބުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ.

މި ވޯކްޝޮޕްގައި ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންނާއި، ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ 80އަށްވުރެ ގިނަ ފަރާތުން ބައިވެރިވެޑައިގެންނެވިއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު ސުރުހީއަކީ “އިންސާނީ މުޖުތަމަޢުގައި ސިލްމާ، ސަލާމަތާއި އަމާންކަން ޤާއިމުކުރުމުގައި ކީރިތި ރަސޫލާ صلى ﷲ عليه وسلم ގެންގުޅުއްވި ގޮތް” އެވެ. މި ވޯކްޝޮޕްގައި މުޖްތަމަޢުގެ އަމަންއަމާންކަމަށް ޢަޤީދާއާ ތައުޙީދުގެ މުހިންމުކަމާއި، އިސްލާމްދީނުގައި މެދުމިން، މުޖްތަމަޢުގެ އަމަންއަމާންކަން ޤާއިމްކުރުމުގައި ޢިލްމުވެރިންގެ ދައުރު މި މައުޟޫތަކުގެ ދަށުން ޖުމްލަ 9 ކަރުދާހެއް ހުށަހެޅުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް