ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 12:54
ފައިގަތަޅާ ފޯރި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އައި.ޔޫ.އެމް.އެސް.ޔޫގެ ޓީމު
ފައިގަތަޅާ ފޯރި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އައި.ޔޫ.އެމް.އެސް.ޔޫގެ ޓީމު
އައިޔޫއެމްއެސްޔޫ
ފައިގަތަޅާ ފޯރި 2022
ފިރިހެން ޗެމްޕިއަންކަން އައި.ޔޫ.އެމް.އެސް.ޔޫ އަދި އަންހެން ޗެމްޕިއަންކަން ކަސްޓަމްސްއިން ހޯދައިފި
ފިިރިހެން ބައިގެ މޮޅު ކުޅުންތެރިޔަކަށް ޔޫޝައު، އަންހެން ބައިގެ މޮޅު ކުޅުންތެރިޔަކަށް މުނޫ
ކަސްޓަމްސް އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މީޑިއާ ނެޓް ބަލިކޮށްގެން
އައި.ޔޫ.އެމް.އެސް.ޔޫ އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އައި.ޔޫ.އެމް ސްޓާފް ކުލަބް ބަލިކޮށްގެން

ޔުނިކްސް ސްޕޯޓިންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފައިގަތަޅާ ފޯރީގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ސްޓޫޑެންޓްސް ޔޫނިއަން (އައި.ޔޫ.އެމް.އެސް.ޔޫ) އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކަސްޓަމްސްއިން ހޯދައިފިއެވެ.

މިމަހުގެ 22 ން ފެށިގެން 25 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ ޔުނިކްސް ސްޕޯޓިން އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ހޯސްޓް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗް.ޑީ.ސީ)އިންނެވެ. އަދި ސަޕޯޓިން ޕާޓްނަރަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ފައިނަލްގައި ވާދަކުރީ އައި.ޔޫއެމް.އެސް.ޔޫ އާއި އިސްލާމިކް ޔުނިވަރސްޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ސްޓާފް ކުލަބެވެ. ފައިނަލް މެޗު 25-11 ން ކާމިޔާބުކުރީ އައި.ޔޫއެމް.އެސް.ޔޫއެވެ. އަންހެން ބައިގެ ފައިނަލްގައި ވާދަކުރީ ކަސްޓަމްސް އާއި މީޑިއާ ނެޓެވެ. ފައިނަލްގައި ކަސްޓަމްސްއިން ވަނީ 27-19 ން މީޑިއާ ނެޓްގެ މައްޗަށް ކުރި ހޯދާފައެވެ.

ފައިގަތަޅާ މުބާރާތުގެ ފިރިހެން ބައިގެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައި.ޔޫ.އެމް ސްޓާފް ކުލަބުގެ ޔޫޝައު ޙަސަންއެވެ. އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މީޑިއާ ނެޓުގެ މުނޫއެވެ.

ޔުނިކްސް އިން ބުނީ ބޮޑު ތަރުހީބަކާއެކު މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީތީ އުފާކުރާކަމަށެވެ. ޔުނިކްސް އިން އަންނަނީ މިއަހަރުގެ އަޟްޙާ އީދާ ދިމާކޮށް ފައިގަތަޅާ ފޯރި މުބާރާތެއް ބާއްވަން ތައްޔާރުވަމުންނެވެ. މީގެ އިތުރުން ޔުނިކްސް އިން ވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި، އެޗް.ޑީ.ސީގެ އިތުުރުން އާރު.ޑީ.ސީއަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ޔުނިކްސް އިން ވަނީ މި ކުޅިވަރުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ބައިވެރިވެފައިވާތީ ޝުކުރު އަދާކޮށް، މިފަދަ ކުޅިވަރުތަށް ކުރިއެރުވުމުގައި އެ ވުޒާރާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުޙިއްމު ކަމަށާއި ބޭނުންވާކަމަށް ބުނެފައެވެ.

- ކޮމެންޓް