ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 08:41
ގެރެތް ބޭލް
ގެރެތް ބޭލް
ރޮއިޓާރސް
ގެރެތް ބޭލް
ހިލޭ ޓްރާންސްފާއެއްގައި ބޭލް ލޮސް އެންޖެލެސްއަށް
ލޮސް އެންޖެލެސްއަށް ބަދަލުވަނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

މި ސީޒަނަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ގެރެތް ބޭލް އެމެރިކާގެ ލޮސް އެންޖެލެސް އެފްސީއާ ގުޅެން ނިންމައިފިއެވެ.

ބޭލް ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނަށްފަހު ހަމަވާނެއެވެ. އެއާއެކު ބޭލް ވަނީ ރެއާލް ދޫކޮށްލަން ނިންމާފައިވާކަން ހާމަކޮށްފައެވެ. ރެއާލް ދޫކޮށް ބޭލް ލޮސް އެންޖެލެސްއަށް ބަދަލުވަނީ ހިލޭ ޓްރާންސްފާއެއްގައެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ އިތުބާރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ބުނި ގޮތުގައި ބޭލް ލޮސް އެންޖެލެސްއަށް ބަދަލުވާނީ އެއް އަހަރުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ހަމަވުމުން އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭ ގޮތަށެވެ. މީގެ އިތުރުން ރޮމާނޯ ބުނި ގޮތުގައި ޔޫރަޕުގެ ބައެއް ކުލަބުތަކުން ބޭލްއަށް ހުށަހެޅުން ލިބުނެވެ. ނަމަވެސް އޭނާ ބޭނުންވަނީ އެމެރިކާގައި އައު ތަޖުރިބާއެއް ކުރަން ކަމަށެވެ.

ޓޮޓެންހަމް ދޫކޮށް 32 އަހަރުގެ ބޭލްގެ ރެއާލް މެޑްރިޑަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. ރެއާލާއެކު ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ބޭލް ވަނީ އެ ޓީމަށް 258 މެޗު ކުޅެދީ، 106 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ރެއާލާއެކު 16 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ކަޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ.

ރެއާލަށް ބަދަލުވި ފަހުން 2020 ވަނަ އަހަރުން ބޭލް ވަނީ އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކުރީގެ ކުލަބް ޓޮޓެންހަމަށް ކުޅެފައެވެ. 2006 ވަނަ އަހަރުން ފެށިގެން ވޭލްސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ބޭލް، މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ކުޅޭނެއެވެ.

- ކޮމެންޓް