އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މި ޖޫން މަހު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.
އެމެރިކާ އާއި އިންޑިއާގެ އޮފިޝަލުން އެކުގައި، ދެ ޤައުމުގައި ހާމަކޮށްފައިވާ ގޮތުގައި ދެ ދުވަހުގެ ދަތުރުފުޅެއްގައި މޯދީ އެމެރިކާއަށް ވަޑައިގަންނަވާނީ މި ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އެ ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަން އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. މި ބައްދަލުވުން ވެގެންދާނީ މި ދެބޭފުޅުންގެ ފުރަތަމަ ބައްދަލުވުމަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ޓްރަމްޕާއި މޯދީގެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް އާ މިސްރާބެއް ކަނޑައަޅުއްވައި، ދެ ޤައުމުގެ ކަންބޮޑުވުންތަކާއި ގުޅިގެން މަސްވަރާ ކުރައްވައި، ދެ ޤައުމު އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން، ވައިޓް ހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސަރ ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި، ޓެރަރިޒަމާއި ހަނގުރާމަ ކުރުމުގައި އެކުގައި މަސައްކަތް ކުރުމާއި، ދެ ޤައުމުގެ އިޤުތިޞާދު ވަރުގަދަ ކުރުމާއި، ޕެސިފިކް ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ޓްރަމްޕް އުއްމީދު ކުރައްވާ ކަމަށެވެ.
މޯދީގެ މި ދަތުރުފުޅަކީ، މިދިޔަ ޖަނަވަރީ މަހު، އެމެރިކާގެ ރައީސް ކަމާއި ޓްރަމްޕް ހަވާލުވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ޓްރަމްޕަށް މޯދީ ފޯނު ކުރެއްވުމުން، ޓްރަމްޕް ދެއްވި ދައުވަތަކާއި ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.
އެ ފޯންކޯލްގައި ޓްރަމްޕް ވަނީ، ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގައި އިންޑިއާ އަކީ ހަޤީޤީ ރަޙުމަތްތެރިއެއް ކަމަށާ، ބައިވެރިއެއް ކަމަށް އެމެރިކާއިން ދެކޭ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މި މަހު، ޕެރިސް އެގްރިމެންޓުން ވަކިވާން ނިންމިކަން ހާމަކުރައްވަމުން ޓްރަމްޕް ވަނީ، އިންޑިއާ އަކީ ޖައްވަށް އެންމެ ގިނައިން ވިހަގޭސް ދޫކުރާ އެއް ޤައުމު ކަމަށާ، ޕެރިސް އެގްރީމެންޓްގެ ސަބަބުން، އިންޑިއާއަށް، އެމެރިކާގެ މައްޗަށް ކުރިހޯދުމުގެ ފުރުޞަތު އޮތްކަމަށް ވިދާޅުވެ އެމެރިކާއަށް ފާޑު ވިދާޅުވެފައެވެ.
މިކަން ދޮގުކޮށް، އިންޑިއާއިން ވަނީ، މޫސުމީ ބަދަލުތައް ހުއްޓުވުމަށް، ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެ ޤައުމުން ތައްޔާރަށް އޮތްކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ އެމެރިކާ އާއި އިންޑިއާގެ ގުޅުން ބަދަހިވެ، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް ކުރިއަރައިގެން ގޮސްފައިވާއިރު، ޓްރަމްޕް ސަރުކާރުގެ ފުރަތަމަ 5 މަސްތެރޭގައި އެ ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
އެގޮތުން އެމެރިކާގައި މަސައްކަތްކުރާ އިންޑިއާގެ އެތައް ހާސް ސޮފްޓްވެއާ އިންޖިނޭރުންގެ ވަރކް ވިސާ އާއި މެދު ދެވަނަ ވިސްނުމަކަށް ދާން އެމެރިކާއިން ނިންމި މައްސަލައިގައި އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަނެއްކޮޅުން، އިންޑިއާގައި ހަރަކާތެރިވާ ވިޔަފާރިތަކުން އެ ޤައުމުގެ ސަރުކާރަށް ނަގާ އެކި ފީތައް ބޮޑުކޮށް، އުސޫލުތައް ބަދަލުކުރުމުގެ ސަބަބުން އިންޑިއާގައި ހަރަކާތެރިވާ އެމެރިކާގެ ކުންފުނިތަކަށްވެސް ވަނީ އިންޑާގައި ވިޔަފާރި ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.