ކ. މާލެ
|
25 ޖޫން 2022 | ހޮނިހިރު 07:44
ރައީސް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާ ބައްދަލު ކުރައްވަނީ
ރައީސް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާ ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ރައީސް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅު
ޤައުމުތަކާއެކު ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެން: ރައީސް
އިންޑިއާގެ އެކްސްޓަރަނލް އެފެއަރޒް މިނިސްޓަރ ވަނީ ރައީސްގެ އަރިހަށް އިހުތިމާުގެ ޒިޔާރަތެއް ކުރައްވާފައި
ރައީސް ވަނީ އިންޑިއާއިން ރާއްޖެއަަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާފައި

ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިންޑިއާގެ އެކްސްޓަރަނލް އެފެއަރޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުވުން ކުރިއަށްދާ ރުވާންޑާގެ ކިގާލީގެ މެރިއޮޓް ހޮޓެލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ދެ ޤައުމަށް ވެސް ފައިދާވާ ގޮތަށް ދެ ޤައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެފައިވަނީ ތާރީހާއި ސަގާފަތާއި ދެ ގައުމުގެ ވެސް ގަބޫލުކުރުންތަކުގެ މައްޗަށް ކަމަށެވެ. އަދި، ބޭރު ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ވެދީފައިވާ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.


Advertisement
- ކޮމެންޓް