އެތައް ސަތޭކަ ޓަނެއްގެ ކާބޯތަކެތި އޮމާންއިން ގަތަރަށް ފޮނުވަން ފަށާފައިވާކަމަށް ގަތަރުން ބުނެފިއެވެ.
ގަތަރުގެ ފުޑް ކޮމްޕެނީގެ ވެރިޔާ ބުނީ އޮމާނުން ބަރުކޮށްގެން 12 އުޅަނދެއްގައި ގަތަރަށް ކޯބޯތަކެތި ޝިޕްމަންޓެއް ފޮނުވަަން ފަށާފައިވާ ކަމަށެވެ.
"300 ކޮންޓެއިނަރގެ ތާޒާ ފިނުކުރި ކާބޯތަކެތި ފޮނުވަނީ. އެއްބައި މިހާރު ލިބިއްޖެ އަނެއްބައި އުޅެނީ ގަތަރަށް އައުމުގެ މަގުމަތީގައި" ގަތަރުގެ ފުޑް ކޮމްޕެނީގެ ވެރިޔާ އަހްމަދު އަލް ޚަލަފް ހޯމަ ދުވަހު ބުންޏެވެ.
ދުނިޔޭގެ އެއްވަނަ ކޮންޓެއިނަރ ލައިންއިން ޑެންމާކްގެ "މައެރސްކް"އިން ބުނީ އޮމާނުން ގަތަރަށް ގެންނަ އާ ޝިޕްމަންޓްތައް ފޯރުކޮށް ދިނުމަށް މިހާރު ބުކިން ހަދާފައިވާކަމަށެވެ.
އަދި ސްވިސްއަށް ނިސްބަތްވާ ދުނިޔޭގެ ދެވަނަ ކޮންޓެއިނަރ ލައިންއިން ބުނީ އޮމާން އިން ގަތަރަށް ކާބޯތަކެތި ކަނޑުމަގުން ގެންގޮސް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ގަތަރާއި އަވައްޓެރި އަރަބި ގައުމުތަކާ އެކު އޮތް ގުޅުން ކަނޑާލުމާ ގުޅިގެން މި ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެއްޗަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މޮރޮކޯއިންވެސް ބުނެފައިވަނީ ކާބޯތަކެތީގެ އެހީ ގަތަރަށް ފޮނުވަމުންދާ ކަމަށެވެ.
އޮމާން އާއި މޮރޮކޯގެ އިތުރުން އީރާނުންވެސް ގެންދަނީ ގަތަރަށް ކާބޯތަކެތި ފޮނުވުމުގައި ބައިވެރިވަމުންނެވެ.