ރާއްޖެއަކީ ފަތުރުވެރިކަމުގެ މަޤްބޫލް މަންޒިލެކެވެ. ރާއްޖޭގެ ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ފެހި ގަސްކަރައާއި، ނޫ ވިލުތަކާއި ގުދުރަތީ މުރަކައިގެ ފަރުތައް ބަލާލަން އެތައް ލައްކަ ފަތުރުވެރިން އާދެއެވެ. ފަހަކަށް އައިސް ރާއްޖޭގައި ޑައިވިންއަށް ފޯރި ހުންނަ އެކި ފަރާތްތަކުން ވެސް އަންނަން ވަނީ ފަށާފައެވެ. މީގެ އިތުރުން 99 އިންސައްތަ ކަނޑުފަޅުގެ މަންފާ ހޯދުމަށް ވެސް އެކި ބޭނުންތަކުގައި ފީނާ އުޅެއެވެ.
ނަމަވެސް ފީނުމުގެ ތެރޭގައި ހެދޭ ގޯސްތަކުން މީހާގެ ފުރާނައަށް ނުރައްކާވެއެވެ. ޑީކޯވުމަށް މެދުވެރިވަނީ ފީނަން ގޮސް އުޅުމުގެތެރޭ، މާ އަވަހަށް މައްޗަށް އެރުމުންނެވެ. މީގެ ސަބަބުން އޮކްސިޖަން ދައުރު ވުމުގައި މައްސަލަތައް ދިމާވެ ހަށިގަނޑުގައި ގޭސް ބޮކިތަކެއް އުފެދެއެވެ. މި ގޭސް ބޮކިތަކުގެ ސަބަބުން ސްޓްރޯކު ޖެހުމާއި ގޭސް އެމްބޮލިޒަމް ފަދަ ކަންކަން ދިމާވެއެވެ. ޑީކޯވާ ބަލިމީހާގެ ނޭވާލުން ރަނގަޅުކޮށް އޭނާގެ ނޭވާ ހޮޅީގައި އުފެދޭ ގޭސް ބޮކިތައް ނައްތައިލުމަށް ޑީކޮމްޕްރެޝަން ޗެމްބަރުން އެހީދެވެއެވެ.
ނަމަވެސް ފީނާ މީހުންނަށް ދިމާވާ މިފަދަ މައްސަލަތަކަށް ދެވޭނެ ފަރުވާއެއް ނެތި އެތައް ބަޔަކު ވަނީ މަރުވެފައެވެ. ނަމަވެސް ރާއްޖޭގައި ފުރަތަމަ ގާއިމްކުރި ޑީކޯޗެމްބަރާއެކު ފީނާ މީހުންނަށް އުއްމީދެއް ގެނެވިގެންދިޔައެވެ. 1993 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިކޮމްޕްރެޝަރ ޗެމްބަރގެ ހިދުމަތް ބަނޑޮސް މޯލްޑިވްސްގައި ދޭން ފެށިއެވެ.
ޑިކޮމްޕްރެޝަން ޗެމްބަރަކީ ޑިކޮމްޕްރެޝަންގެ ސަބަބުން (ޑައިވަރުން ފީނުމުގެ ތެރޭގައި ހަށިގަނޑުގެ ބޭރުގެ މާހައުލުގެ ޕްރެޝަރު ކުއްކިއަކަށް ވަރަށް ބޮޑަށް ދަށްވުން) ބަލިވެ ދިމާވާ އެކި މައްސަލަތަކަށް ފަރވާދިނުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޭނުންކުރާ މެށިނެވެ. މި މެޝިނުގެ އެހީގައި ބަނޑޮސް މެޑިކަލް ސެންޓަރުން ދޭ ހިދުމަތްތުގެ ތެރޭގައި ގޭސް އެމްބޮލިޒަމް (ނާރު ތެރެއަށް ވައި ބޮކިވަދެ ލޭ ހިނގުން ހުއްޓުން)، ކާބަން މޮނޮކްސައިޑް ވިހަވުން (ނޭވާލުމުގެ ތެރެއިން ވިހަ ގޭސް ހަށިގަނޑުތެރެއަށް ދިއުމުން ލޭގަ ހުންނަ އޮކްސިޖަންގެ މަސައްކަތަށް ބުރޫ އެރުން) ހަށިގަނޑުގެ ހުޅުތަކާ މަސްގަނޑުގެ ތަދު އަދި ރިހުން، ވާވުން، އައްސިވުން، ވަރުބަލިވުން ފަދަ އެތަކެއްކަމެއް ހިމެނެއެވެ. އާންމުކޮށް މި މައްސަލަތައް ދިމާވަނީ ފުނަށް ފީނާ ޑައިވަރުންނަށެވެ.
ރާއްޖޭގައި މި ހިދުމަތް އެންމެ ފުރަތަމަ ފެށި އަދި އެންމެ ގިނަ ދުވަހު މި ހިދުމަތް ދެމުންގެންދާ ބަނޑޮސް މޯލްޑިވްސްގެ ޒަމާނީ ފެންވަރުގެ މެޑިކަލް ސެންޓަރުން މިހާތަނަށް އެތައްހާސް ޑައިވަރުންނަށް ވަނީ ކާމިޔާބު ކަމާއެކު ފަރުވާދެވިފައެވެ. އެތަނުންދޭ ސިއްހީ ހިދުމަތުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ޑައިވް މެޑިސިންގެ ހިދުމަތް ހިމެނެއެވެ. އެ ސެންޓަރުގައި ޑައިވް މެޑިސިންގެ ހިދުމަތް ދިނުމަށް ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރަކާއި ތަމްރީނު ލިބިފައިވާ ހާއްސަ ޓީޟެއް މަސައްކަތް ކުރެއެވެ. މި ހިދުމަތަކީ 24 ގަޑި އިރު ދެމުން އަންނަ ހިދުމަތެކެވެ.
ނަމަވެސް މުޅިދުނިޔެއަށް ދިމާވި ކޮވިޑްގެ އާލަމީވަބާއާއިއެކު ފުރަތަމަ ފަހަރަށް 27 އަހަރުގެ ތެރޭގައި ގިނަ ދުވަސްތަކެއް ބަންދުކުރަން ޖެހުނެވެ. ނަމަވެސް ބަނޑޮހުގެ ޓީމުން މި ދަނޑިވަޅުގެ ފައިދާ ނަގާ އެތަން ތަރައްގީކޮށް މަރާމާތުކޮށް މުހިންމު މަސައްކަތެއް ކޮށްފައިވެއެވެ.
ބަނޑޮސްގެ މެނޭޖްމަންޓުން ދެކޭ ގޮތުގައި މި ހިދުމަތަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ފީނުމުގެ ތެރޭގައި ޑީކޯ ވެގެން ގެންނަ ފަތުރުވެރިންނަށް މުހިންމު ހިދުމަތެކެވެ. އަދި މަސްވެރިންގެ ތެރެއިން ފީނާ ފަރާތްތަކަށް ވެސް ހިދުމަތް ދެވޭތީ އެކަމާ ފަހުރުވެރިވެއެވެ.
ބަނޑޮސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ރަޝީދު ވިދާޅުވީ ޗެމްބަރުން ފަރުވާ ހޯދަނީ މައިގަނޑު ގޮތެއްގައި ޑައިވަރުން ކަމަށެވެ. އަދި ވޭތުވެދިޔަ މި މުއްދަތުގެ ތެރޭގައި އެތައް ހާސް ޑައިވަރުންނަށް ފަރުވާދެވިފައިވާ ކަމަށެވެ. ގިނައިން އަންނަނީ ފަތުރުވެރިން ކަމަށާއި، ދިވެއްސަކަށް ވެސް ކަމެއް ދިމާވެއްޖެ ނަމަ އެތަނަށް ގެނެސް ފަރުވާދީފައިވާ ކަމަށެވެ.
ރިސޯޓާއި މާލެއާއި ފުދޭވަރަކަށް ކައިރިވީމަ ބައެއްފަހަރަށް ޑިކޮމްޕްރެޝަން ޗެމްބަރގެ ޓްރީޓްމަންޓް ނަގަމުން އެހެންކަހަލަ ފަރުވާ ބޭނުންވާ ފަހަރަރު ފަހަރު ވެސް. އެކަހަލ ފަހަރެއްގައި ވެއްޖެއްޔާ އެކޮޅުން ފަރުވާ ނަގައިގެން، މިކޮޅަށް އައިސް ފަރުވާ ނަގައިގެން އަނެއްކާ ހޮސްޕިޓަލަށްދާނެ ޖެހުނަސް ދެވޭނެ. އަދި ޓްރާންސްފަރ ވެސް އެބަ ހަމަޖެހޭބަނޑޮސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ރަޝީދު
ބަނޑޮސް މޯލްޑިވްސްގެ ޖީއެމް އިސްމާއިލް ރަޝީދު ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުން ގެންދަވަނި އެންމެ ފަހުގެ ފަރުވާ ފޯރުކޮށްދެވޭތޯ ކަމަށެވެ. 1993 އިން ފަށައިގެން 3 ޗެމްބަރ ބެހެއްޓިއްޖެ ކަމަށެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު މެއިންޓެނެންސްގެ މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް މި ފަހުން ބޮޑު މެއިންޓަނެންސްގެ މަސައްކަތެއް ކޮށް އަލުން ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ. އަދި ފަރުވާ ދިނުމަށްޓަކައި ވަރަށް ރަނގަޅު ޓީމެއް ހަރަކާތްތެރިވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ބަނޑޮސް މޯލްޑިވްސްއަކީ މާލެއާއި 15 މިނެޓުން ދެވެހާ ކައިރީގައި އޮންނަ ރިސޯޓެއް ކަމުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެ ލުއިފަސޭހަވެސް ލިބިގެންދެއެވެ. އަދި ޑީކޯ ޗެމްބަރގެ ހިދުމަތް، އެންސްޕާގެ ތެރެއިން ލިބޭގޮތް ހަމަޖެހެންދެން އެ ހިދުމަތް ދިވެހިންނަށް ފޯރުކޮށްދެމުން ގެންދިޔައީ ހިލޭ ސަބާހަށެވެ.
އާންމުގޮތެއްގައި ޑީކޯ ވާ މީހުންނަށް ފަރުވާދިނުމަށް އަތުން ބޮޑު އެއްޗެއް ހޭދަވެއެވެ. އަދި ދިމާވާ މައްސަލައަކާއި ގުޅިގެން ދެވޭ ފަރުވާއަށް ބައި މިލިއަން ރުފިޔާ ހޭދަކުރަންޖެހެއެވެ. އެންމެ ކުޑަކޮށް ދާ ހަރަދަކީ ވެސް ގާތް ގަނޑަކަށް 15000 ރުފިޔާއެވެ. އެހެންކަމުން މިހާ އަގު ބޮޑު ހިދުމަތެއް ބަނޑޮސް މޯލްޑިވްސް އިން އެންސްޕާގެ ތެރެއިން ދިވެހިންނަށް އެ ހިދުމަތް ދޭން ހަމަޖެހެންދެން ދެމުން އައީ ހިލޭއެވެ.
ކުރިއަށް އޮތްތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް އެޑްވާންސްކުރުމުގެ ވިސްނުން އެ ރިސޯޓުގައި އެބަހުއްޓެވެ. އަދި މިހާރު ހުރި ޗެމްބަރުން އެއްފަހަރާ 6 މީހުންނަށް ފަރުވާދެވޭ އިރު، ފަރުވާ ދޭ ޓީމަކީ ވެސް މިކަމަށް ގާބިލް އަދި ހުނަރުވެރި ޓީމެކެވެ.