އަހަރުގެ މިހާތަނަށް 777،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޮގަސްޓު މަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 75،030 ފަތުރުވެރިންނެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 777،352 އަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 5.7 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 824،688 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މ ހިނގާ ޖޫން މަހުގެ 1 އިން 20 އަށް 75،030 ފަތުރުވެރިން އައިސްފައިވާއިރު، މި އަދަދަކީވެސް 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 75،574 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިމަހުގެ ދުވާލެއްގެ މައްޗަށް 3،752 ފަތުރުވެރިން އަންނަ ކަމަށް ވަނި ރެކޯޑުކޮށްފައެވެ. އަދި 7 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ އިންޑިއާ މާކެޓުންނެވެ. އިންޑިއާގެ 14.7 އިންސައްތަ މާކެޓް ޝެއަރ އޮތްއިރު ދެވަނައަށް އެންމެ ބޮޑު މާކެޓް ޝެއަރއެއް ހިއްސާކުރަނީ އިނގެރޭސިވިލާތުންނެވެ. އެގައުމުން 12.1 އިންސައްތަ ހިއްސާކުރެއެވެ. މީގެ އިތުރުން ރަޝިއާ މާކެޓުން 9.9 އިންސައްތަ ހިއްސާ ކުރެއެވެ. ޖަރުމަނުން 8.4 އިންސައްތަ ހިއްސާކުރާއިރު، އިޓަލީން 6.2 އިންސައްތަ ހިއްސާކުރެއެވެ. އެމެރިކާއިން 4.8 އިންސައްތަ ހިއްސާކުރާއިރު، ފްރާންސްއިން 3.8 އިންސައްތަ، ސްވިޒަރލެންޑުން 2.3 އިންސައްތަ، ސައުދި އަރަބިއާއިން 2.2 އިންސައްތަ އަދި ސްޕެއިނުން 1.9 އިންސައްތަ ހިއްސާކުރެއެވެ.
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ އަހަރަށްވުމާއެކު މިއަހަރަކީ ފަތުރުވެރިކަމަށް ކާމިޔާބު އަހަރަކަށް ހެދުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އަދި މި އަމާޒާ އެއްގޮތަށް މަސައްކަތްކުރަމުންދާއިރު އެހެން މާކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.