ސަރުކާރުން ތައުލީމަށް ކުރާ ހޭދަ އެންމެންނަށްވެސް އޮޅިފައި ނެތް ކަމަށާއި ކޮވިޑުގެ މި އުނދަނގޫ ދުވަސްވަރުގައި ރާއްޖޭގެ އިގްތިސާދީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއިރު ވެސް ސަރުކާރުން މަތީ ތައުލީމާއި ތަމްރީނަށްދޭ ސަމާލުކަމަށް ކުޑަވެސް ހީނަރުކަމެއް ނާންނަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ކްލިކް ކޮލެޖުގެ ގްރެޖުއޭޝަން ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިނިސްޓަރު ވިދާޅުވީ ކޮވިޑާއި ގުޅިގެން މީހުން ބިނާކުރުމަށް އެކުލަވާލެވުނު އެއްވެސް ޕްރޮޖެކްޓަކަށް ހީނަރުކަމެއް ނާންނަ ކަމަށެވެ. އަދި ބައެއް ތަރައްގީގެ ޕްރޮޖެކްޓްތައް މަޑުޖައްސާލި ނަމަވެސް މީހުން ބިނާކުރުމުގެ އެއްވެސް މަޝްރޫއަކަށް ސަރުކާރުން ބަދަލެއް ނުގެންނަ ކަމަށެވެ. އަދި ސަރުކާރުން ގަބޫލު ކުރަނީ ދިވެހިރާއްޖޭގެ މުސްތަގުބަލު އޮތީ މީހުން ބިނާކުރުމުގެ އެ ފިކުރު ހުރި ޒުވާނުންގެ އަތްމަތީގައި ކަމަށް ކަމަށާއި، ތައުލީމީ ފަންނުވެރި ޒުވާނުންތަކެއް ލިބިގެން ނޫނީ މި ގައުމު އާރާސްތު ކުރެވޭކަށް ނޯންނާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ތައުލީމަށާއި ތަމްރީނަށް އިސްކަމެއް ދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުވަހަކު ވެސް މުހިއްމު ނުވާވަރަށް ތައުލީމުގެ ބޭނުން މިވަނީ މުހިއްމު ވެފައި ކަމަށެވެ. ދުވަހަކު ވެސް ހިތަށް އައިސްފައި ނުވާ މިންވަރަށް އުނގެނުމުގެ މުހިއްމުކަން މިއަދު މިވަނީ މުހިއްމުވެފައި ކަމަށާއި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ހޯދަމުންދާ ޒުވާނުން އެ ޒުވާނުން އެ ހޯދަމުންގެންދާ ތައުލީމާއި ދޭތެރޭގައި ފުންކޮށް ވިސްނާ ކަށަވަރު ކަމެއް ހޯދަން ޖެހޭ ކަމަށެވެ.
ހޯދާ ތައުލީމަކީ ފެންވަރު ރަނގަޅު އަދި ތިމާއާއި ދޭތެރޭ ފައިދާ ހުރި ތައުލީމެއްތޯ ސުވާލުކުރަންޖެހޭ ކަމަށާއި، އެ ތައުލީމު ފޯރުކޮށްދެވޭ ގޮތަކީ ތިމާއަށް ފައިދާ ހުރި ގޮތްތޯ އަދި އެއީ އެ މާއްދާ ނުވަތަ އެ ކޮންޓެންޓް އެންމެ ރަނގަޅަށް ފޯރުކޮށްދެވިދާނެ ގޮތްތޯ ވެސް ތިމާ މިއަދު ސުވާލު ކޮށްލަންޖެހޭ ކަމަށެވެ. ދިރިއުޅުމުގައި ތިމާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ބަލާއިރުގައި ތިމާ މި އުނގެނޭ އިލްމާއި ހާސިލް ކުރަން ބޭނުންވާ ސަނަދު ތިމާއަށް އެމަންޒިލަށް ދެވިދާނެތޯ ސުވާލު ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރިޔާސީ ބަޔާނުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ވާހަކަފުޅު އުފަލާއެކު ޒުވާނުން ބަލައިގަންނަން ޖެހޭ ކަމަށެވެ. ޒުވާނުންގެ ކިބައިގައި ހިތްވަރެއް ހުރިނަމަ ސަރުކާރުން އަބަދުވެސް ފުރުސަތު ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި މިއީ މިއަދު ޒުވާނުން އުފަލާއެކު ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނެއް މިވަނީ ވުޖޫދަށް އައިސްފައި ކަމަށާއި އެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ބުރަ ޒިންމާދާރު މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ. އަދި އެމަސައްކަތުގައި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުންދޭ އެއްބާރުލުން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.