ސަސްޕެންޝަނުން ސަލާމަތްވެ އަލުން ވާދަކުރަން ތައްޔާރުވަމުން އަންނަ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ކްލަބް ނިއުރޭޑިއަންޓުން ބިދޭސީ ތިން ކުޅުންތެރިންނާއި, ކޯޗަށް ދޭން އޮތް ފައިސާ އެކުޅުންތެރިންނަށް ދީފިއެވެ.
އުޞޫލުގެ ތެރެއިން ނިއުރޭޑިއަންޓުން ވަނީ އެކުޅުންތެރިންނަށް ފައިސާ ފޮނުވާފައެވެ. އަދި އޭގެތެރެއިން ދެ ކުޅުންތެރިއަކު މިހާރުވަނީ ފައިސާ ލިބިފައިވާކަން ފީފާއަށް ލިޔުމުން އަންގާފައެވެ. އެއް ކުޅުންތެރިއަކާއި, ކުރިން ކޯޗު ކޮށްދިން ޓަވަރޭޒްގެ ފަރާތުންވެސް ދެދުވަހެއްގެ ތެރޭގައި ފީފާއަށް ލިޔުން ފޮނުވާ ކަންކަން ހަމަޖެހިގެންދާނެކަމަށް ނިއުރޭޑިއަންޓްގެ ޗެއަރމަން އަހުމަދު ވާސިފް ވިދާޅުވިއެވެ. ބިދޭސީ ތިން ކުޅުންތެރިންނާއި, ކޯޗަށް ނިއުރޭޑިއަންޓުން ދެއްކި 215000 ޑޮލަރު (3.3 މިލިއަން ރުފިޔާ) އެވެ.
މީގެއިތުރުން ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ދެމިލިއަން ރުފިޔާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްވެސް ކްލަބުން ދަނީ ކުރަމުންނެވެ. އެއީ މުސާރަ ނުލިބިގެން އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައިވާ 10 ކުޅުންތެރިންނާއި, މައްސަލަ ހުށަނާޅާ އޮތް އޮފިޝަލުންނާއި, ކުޅުންތެރިން ހިމެނޭ ގޮތަށް ދިހަ ފަރާތެކެވެ. އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައިވާ 10 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިއަކާއެކު މިހާރު ސެޓަލްމަންޓް އެއްބަސްވުން ހަދާފއިވާކަމަށް ވާސިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުއްމީދުކުރައްވަނީ ވަރަށް އަވަހަށް އަނެއް ދެކުޅުންތެރިންނާއެކުވެސް އެއްބަސްވުން ހެދި ކަންކަން ހަމަޖެހިގެން ދާނެކަމަށެވެ. އެއްބަސްވުން ހެދި ކުޅުންތެރިން މިހާރު ވަނީ އެފްއޭއެމްއަށް އެކަން ލިޔުމުން އަންގާފައެވެ.
އަޅުގަނޑުމެން އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ އާދިއްދަ ދުވަހުގެ ނިޔަލަށް ކަންކަން ހަމަޖެހިގެންދާނެކަމަށް. ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރެވޭ ވަރަށް ނިންމާލަން މަސައްކަތް ކުރަމުން މިދަނީ.އަހުމަދު ވާސިފް/ ނިއުރޭޑިއަންޓްގެ ޗެއަރމަން
ނިއުރޭޑިއަންޓުން ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ދައްކާ ފީފާއާއި އެފްއޭއެމްގެ ސަސްޕެންޝަނުން ސަލާމަތްވެ އަލުން ވާދަކުރަން މަސައްކަތްކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ އެހީތެރިކަން ލިބިގެންނެވެ. އަދި އެފްއޭއެމްގެ އެހީތެރިކަންވެސް ލިބިގެންނެވެ. އާބޯޑް އިންތިޚާބުވެ, ފައިސާ ދައްކާ އަލުން ވާދަކުރުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ބާރަށެވެ. ފުޓްބޯޅައިގެ އެންމެ ވަރުގަދަ ނަންތަކުގެ ތެރެއިން ވިކްޓްރީން މިހާރުވަނީ ސަސްޕެންޝަނުން ސަލާމަތްވެފައެވެ. ވިކްޓްރީގެ އިތުރުން ނިއުރޭޑިއަންޓްވެސް އަންނަ މަހު ފަށާ ދެވަނަ ޑިވިޝަނުން ފެނުމުގެ ފުރުޞަތު ބޮޑެވެ.
ފައިސާ ދައްކާ ލިޔުންތައް ފުރިހަމަކުރުމުން ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ ކޮންގްރެސްއިން މިހާރު ދީފައިވަނީ އެކްސްކޯއަށެވެ. ފައިސާގެ ކަންކަން ނިންމުމުގެ އިތުރުން ކްލަބް ލައިސެންސިންގެ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ނިއުރޭޑިއަންޓްގެ ޗެއަރމަން އަހުމަދު ވާސިފް ވިދާޅުވިއެވެ.