ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ހ.ސޭންޑީ ބީޗް، ހުޒައިފާ މުޙައްމަދު އައްޔަނު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ، ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.
އެއަށްފަހު ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ކަމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ހުޒައިފާގެ ނަންފުޅެވެ. ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި ސުންގަޑި ހަމަވިއިރު އެ މަޤާމަށް ކުރިމަތިލެއްވީވެސް 2 ބޭފުޅެކެވެ. އެއީ ހ.ސޭންޑީބީޗް ހުޒައިފާ މުޙައްމަދުއާއި، އއ.ފެރިދޫ ސިޔާމާމަންޒިލް ޝުކުރުﷲ ޝަކީލްއެވެ.
ހުޒައިފާ މުޙައްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރުމަށް ނިންމީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައެވެ.
އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މިހާރު ފެމިލީ ކޯޓުގެ އިސްޤާޟީކަމުގައި މަޤާމް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ފެމިލީ ކޯޓުގެ އިސްގާޒީކަން ހުޒައިފާއަށް އެރުއްވީ 30 މާރޗު 2022 ގައެވެ. އެއީ މިއީ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ޤާޟީކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.
އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 27 ވާ ހޯމަ ދުވަހުކަން ޖޭއެސްސީން ބުނެއެވެ.
ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް އައްޔަނުކުރި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯ ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.