ކ. މާލެ
|
23 ޖޫން 2022 | ބުރާސްފަތި 09:45
ސަޑިއޯ މާނޭ
ސަޑިއޯ މާނޭ
ރޮއިޓާރސް
ބަޔާން މިއުނިކް
ބަޔާންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުލަބް: މާނޭ
ބަޔާންގައި އޭނާ ކުޅޭނެ މަގާމެއް ނިންމާނީ ކޯޗު
އަބަދުވެސް ބުންޑަސްލީގާ އަދި ބަޔާން ޗެމްޕިއަންސް ލީގުގައި ކުޅޭ ތަން ބަލާ

ޖަރުމަނުގެ ބަޔާން މިއުނިކަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުލަބް ކަމަށް، ލިވަޕޫލް ދޫކޮށް ބަޔާންއަށް ބަދަލުވި ސަޑިއޯ މާނޭ ބުނެފިއެވެ.

ލިވަޕޫލް ދޫކޮށް މާނެ ބަޔާނަށް ބަދަލުވީ 41 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ބަޔާންއާއެކު މާނޭ ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބަޔާންއާ ގުޅުމަށްފަހު މާނޭ ބުނީ އެ ޓީމުން އޭނާ ހޯދުމުގެ ޝައުގުވެރިކަން ފާޅުކުރުމުން އޭނާގެ އެޖެންޓާއި ވާހަކަ ދެއްކިކަމަށެވެ. އަބަދުވެސް އޭނާ ގަބޫލުކުރި ގޮތުގައި ބަޔާންއަކީ އޭނާއަށް އެންމެ އެކަށީގެންވާ ކުލަބުކަމަށް މާނޭ ބުންޏެވެ. މީގެ އިތުރުން މާނޭ ބުނީ އޭނާ ބަޔާންއަށް ބަދަލުވީ އެ ޓީމަށް ގިނަ ތަށިތަކެއް ހޯދައިދޭން ކަމަށެވެ.

މާނޭ ބުނީ ކުރިން އޭނާ ހުރީ ވެސް ބޮޑު ކުލަބެއްގައި ކަމަށެވެ. އެ ކުލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދުނުކަން މާނޭ ފާހަގަކުރިއެވެ. އޭނާ ބުނީ އަބަދުވެސް ބުންޑަސްލީގާ އަދި ބަޔާން ޗެމްޕިއަންސް ލީގުގައި ކުޅޭ ތަން ބަލާކަމަށެވެ. މިކަން ފާހަގަކޮށް މާނޭ ބުނީ ބަޔާންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުލަބުކަމަށާއި، ބަޔާންއާއެކު ހުރިހާ މުބާރާތެއްގައި ވެސް ދެވޭ އެންމެ ދުރަށް ދާން ބޭނުންވާ ކަމަށެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަންއާ ބެހޭ ގޮތުން މާނޭ ބުނީ ކޯޗާ ބައްދަލުވެ ކުރިމަގުގައި ހާސިލްކުރަން ބޭނުންވާ ކަންކަން އެނގުމުން އޭނާ ވަރަށް ހިތްހަމަ ޖެހުނު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބަޔާންއަށް ބަދަލުވުމާމެދު ދެ ބުރަކު ވިސްނަން ނުޖެހި ވަގުތުން ގޮތް ނިންމީކަމަށާއި، ބަޔާންއަކީ އޭނާއަށް އެންމެ އެކަށީގެންވާ ކުލަބުކަމަށެވެ.

ބަޔާންގައި މާނޭ ކުޅޭނެ މަގާމާ ގުޅޭ ގޮތުން އޭނާ ބުނީ، ތިން ހަތަރު މަގާމަކަށް އޭނާއަށް ކުޅެވިދާނެ ކަމަށެވެ. ނަަމަވެސް ބަޔާންގައި އޭނާ ކުޅޭނެ މަގާމެއް ނިންމާނީ ކޯޗުކަމަށެވެ. އިތުރަށް އޭނާ ބުނީ ގޯލު ބަލަހައްޓަން ނުވަތަ ޑިފެންސަށް ކުޅެން ކޯޗު ނުޖައްސާނަމަ. އޭނާ އުފާވާނެކަމަށެވެ.

މީގެ އިތުރުން މާނޭ ބުނީ އޭނާގެ އުންމީދަކީ ސެނެގާލްގެ ރައްޔިތުން ފަޚުރުވެރިވާ ފަދަ މީހަކަށްވުން ކަމަށެވެ.

- ކޮމެންޓް