ކޮވިޑު ޖެހުމުގެ ސަބަބުން ނުރައްކާ ބޮޑު ފަރާތްތަކަށް ވެކްސިންގެ 4 ވަނަ ޑޯޒެއް ޖަހަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒެއް ދޭން ނިންމާފައިވާ ކަމަށާއި އެ ޑޯޒު ޖަހާނީ ދެވަނަ ޑޯޒު ޖެހިތާ 6 މަސް ދުވަސްވެފައިވާ ކުދިންނަށް ކަމަށެވެ. މި ޑޯޒުު ޖަހަން ފަށާނީ 23 ޖޫން 2022 އިން ފެށިގެންނެވެ.
ކުޑަކުދިންނަށް 3 ވަނަ ޑޯޒު ޖެހުމުގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި ކޮވިޑު ޖެހުމުން ނުރައްކާތެރިކަން ބޮޑު ފަރާތްތަކަށް 2 ވަނަ ބޫސްޓަރ ޑޯޒެއް ޖަހަން ނިންމާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން، ދެވަނަ ބޫސްޓަރ ޑޯޒު ޖަހާނީ ފުރަތަމަ ބޫސްޓަރ ޑޯޒް ނުވަތަ 3 ވަނަ ޑޯޒު ޖެހިތާ 4 މަސް ވެފައިވާ ފަރާތްތަކަށް ކަމަށް އެ އިދާރާއިން ބުންޏެވެ.
4 ވަނަ ޑޯޒު ދޭ މީހުންގެ ތެރޭގައި 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމް ބަލިކަށި މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ހަށިގަނޑު ގުނަވަނެއް ބަދަލު ކޮށްފައިވާ މީހުންނާއި އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭހެއް ކާ މީހުންނާއި ޑަޔަލަސިސް ހަދާ މިހުންނާއި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ހޯދައި ނިމުނުތާ އަހަރެއް ނުވާ މީހުން ހިމެނެއެވެ.
މީގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި އޮކްސިޖަން ތެރަޕީ ދޭން ޖެހޭ މީހުންނާއި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުންނާއި ފުރަމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ މީހުންނާއި ބައްޔެއްގެ ސަބަބުން އެދުމަތިވެފައިވާ މީހުންނަށް ވެސް 4 ވަނަ ޑޯޒެއް ދޭން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އެޗްޕީއޭއިން 4 ވަނަ ޑޯޒު ޖަހާނީ ފައިޒާ ވެކްސިން ބޭނުން ކޮށްގެންނެވެ. މި ޑޯޒު ޖެހުން ކުރިއަށްދާނީ 23 ޖޫން އިން ފެށިގެންނެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހައްދަން ޖެހޭނެއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ދަމަނަވެށިން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ ފަރާތްތަކަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.